ކްރިޕްޓޯ ކަރަންސީ-
ކްރިޕްޓޯ ކަރަންސީ-
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކްރިޕްޓޯކަރަންސީގެ މުޢާމަލާތްތަކަށް ޖާގަދިނުމުގެ ގޮތުން ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ކްރިޕްޓޯކަރަންސީ ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މިކަން މީގެ ކުރިންވެސް ޢާންމުކޮށް އިޢުލާނުކުރައްވާފައި ވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި އެޅެންހުރި އިޖުރާއީ އަދި ޤާނޫނީ ފިޔަވަޅުތައް މިހާރު އެޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކްރިޕްޓޯކަރަންސީ ތަޢާރަފުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށާއި، ފިނޭންސް މިނިސްޓްރީ އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުރުން މި ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ އެކު ސަރުކާރުން އަންނަނީ ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އަދި މިކަމަށްޓަކައި އެ މުއައްސަސާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ޤާނޫނީ އޮނިގަނޑެއް (ލީގަލް ފްރޭމްވޯކެއް) ނެތި މިފަދަ ޒަމާނީ މާލީ ނިޒާމެއް ރާއްޖެއަށް ތަޢާރަފުކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންކަމުން، އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކުރުމަށްޓަކައި ޑިޖިޓަލް ފައިނޭންސް އަދި ކްރިޕްޓޯކަރަންސީގެ ނިޒާމު އެންމެ ފުރިހަމައަށް ޤާއިމުކުރުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު