އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވާލުމާއި، ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެގްރޯނެޓް އަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެގްރޯނެޓްގެ ދަނޑުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒު ހާސިލުކުރަން ފަސޭހަވުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އޭގެ އިތުރުން، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށްޓަކައި މާލޭގައި ތަރައްޤީކުރާ ޚާއްޞަ މާރުކޭޓު ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް ހަވާލުކުރާނީ މިފްކޯއާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުން އިތުރު ޚަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނެވި ގޮތެއްގައި އާންމުންނަށާއި ވިޔަފާރިތަކަށް އެންމެ ފައިދާހުރި ގޮތުގައި އެތަން ހިންގުމަށް ނިންމެވި ނިންމެވުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޑިސެމްބަރު 10 އިގެ ނިޔަލަށް މި މާރުކޭޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ސަރުކާރުން އެގްރޯނެޓް އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު