އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން | ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން | ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު މަހުގެ 1 އިން 3 ގެ ނިޔަލަށް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ 9:00 ގައި އޮންނާނެ ކަމަށާއި، ބައްދަލުވުންތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށެވެ.

ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހުނީ ސަރުކާރުން އެކަށީގެންވާ ތަނެއް ނުދިނުމުން ކަމަށާއި، ސަރުކާރުން ތަނެއް ނުދީގެން އެމްޑީޕީ ގޮތް ހުސްނުވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް މާލެއިން ޖާގަ ނުލިބިގެން ރަށްރަށުގައި ކާމިޔާބުކަމާއެކު ކޮންގްރެސް ބާއްވާފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ އިތުރުން، އެމްޑީޕީގެ ކައުންސިލްތަކުން ހިންގަން ރާވާފައިވާ އެކިއެކި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ހާއްސަ ފޯރަމެއް ވެސް ކުރިއަށްދާނެ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހީމް ވަހީދު ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް އެޕާޓީން އެންމެ ފުރަތަމަ އެދުނީ ސޯޝަލް ސެންޓަރު ހޯދުމަށް ކަމަށެވެ. އެތަން ނުލިބުމުން ހެންވޭރު ދަނޑާއި ހުޅުމާލެ ސެންޓްރަލް ޕާކް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބާރުލުން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައުސިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ގާނޫނީ ގޮތުން ބާއްވަން ޖެހޭ މިފަދަ ހަރަކާތަކަށް ޖާގަ ހޯދަން އެދުމުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން މިދަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން މިހާތަނަށް އިއުލާން ކުރަށްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

މިމަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ނިންމާފައި އޮތް ނަމަވެސް، ކޮންގްރެސްގެ ތާރީހު ކަނޑައެޅުމުގެ އިހުތިޔާރު ގައުމީ މަޖިލީހުން ސެކްރެޓޭރިއަޓަށް ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް