ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްނުކޮށް، އަވަހަށް ނިންމަވައިދެއްވުމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް މިކަމަށް ގޮވާލެއްވީ "ފެހި ސިގްނަލް"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެ އަނިޔާވެރި ވެރިޔާ ކަމަށާއި، ރައީސް މުހައްމަދު މުއިއްޒު އެ މަގުން ހިނގަވައިގެން ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޯޓުތަކުގައި މިހާރު ހުރި މައްސަލަތައް މިހިނދުން މިހިނދަށް ނިންމެވުމަށް ސާފުކޮށް ގޮވާލައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާ ހަވާލާދެއްވައި ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ރައްޔިތަކަށް މީހަކާ ދޭތެރޭގައި ލަސްނުވެ، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރުމުގެ އަސާސީ ހައްގު ލިބިގެންވެއެވެ. އެހެންކަމުން، ކޮންމެ ގޮތަކަށް ވިޔަސް އެ މައްސަލަތައް ކޯޓުތަކުގެ ތެރެއިން ނިންމެވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

އަދި މިއަދުން ފެށިގެން އެ މައްސަލަތައް "ޕާކުކޮށްފައި" ނުބޭއްވޭނެ ކަމަށާއި، މައްސަލަތައް އަވަސްކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ޕާޓީން ތެދުވެ، ފުރިހަމަ އިހުތިޖާޖަކަށް ދާނެކަމުގެ އިންޒާރުވެސް ޑރ. ޖަމީލް ވަނީ ދެއްވާފައެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުން ހުރި މައްސަލަތަކެވެ. އޭގެ ތެރެއިން ރ. ފުއްގިރި ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ނިމުމަކާ މިހާރު ވަނީ ގާތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް