މަސްއޫދު ޕެޒެޝްކިއަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
މަސްއޫދު ޕެޒެޝްކިއަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ 18 ވަނަ ބްރިކްސް ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންދާ މި ދަތުރުފުޅުގެ ތެރެއިން، އީރާނުގެ ރައީސް ވަނީ އިންޑިއާގެ ދީނީ އިލްމުވެރިންނާއި، ފިކުރީ އިސްވެރިންގެ އިތުރުން ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު އީރާނުގެ ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީއާއެކު ބޭއްވުނު މަޝްވަރާތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން މުޅިން އައު މަރުހަލާއަކަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

ހާއްސަކޮށް ސަގާފީ، ޓެކްނޮލޮޖީ، ވިޔަފާރި، އިލްމީ އަދި އިޤްތިޞާދީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅަކީ އީރާނުން ބްރިކްސްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ސަމިޓަށްވެފައި، ހުޅަނގުގެ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އީރާނުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

އެގޮތުން އިންޑިއާ ފަދަ ބާރުގަދަ އަވަށްޓެރި ޤައުމުތަކާއެކު ވިޔަފާރި ފުޅާކުރުމުގެ މުހިންމުކަން ރައީސް ޕެޒެޝްކިއަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިންޑިއާގެ އިންވެސްޓްމަންޓާއެކު ތަރައްޤީކުރާ އީރާނުގެ ޗާބަރު ބަނދަރުގެ މަޝްރޫޢަށް އިންޑިއާއިން ދޭ ތާއީދަށް އީރާނުގެ ރައީސް ޝުކުރު އަދާކުރެއްވިއިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ހުރުމުޒު ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު