އެމްޑީޕީގެ އިޙްތިޖާޖެއްގެ ތެރެއިން
އެމްޑީޕީގެ އިޙްތިޖާޖެއްގެ ތެރެއިން
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ދެ ބޯޓެއްގެ ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއަކީ ސަރުކާރުގެ ބޮޑު އިހުމާލެއް ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 10 ސެޕްޓެމްބަރ 2026 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ރިޕަބްލިކް އޮފް ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ އަދި ވެރިފަރާތް ކަށަވަރުނުވާ ދެ ބޯޓު ނަގިލި ކަނޑައިގެން ގޮސް ބްރިޖަށް އުރުނު ހާދިސާއާ މެދު އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ބޯޓަކީ މިއަހަރުގެ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ މާލެ ކައިރީ ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓެވެ. އަދި އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް ބަނދަރުކުރިތާ ހަފުތާއެއް ފަހުން ކަމަށާއި، އޭގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްއިރު އިންޖީނު މަސައްކަތް ކުރަނީ ވެސް އެންމެ ބޯޓެއްގައި ކަމަށް ބަޔާނުގައިވެއެވެ.

ދެ ބޯޓުގެ ހާލަތު ހުރިގޮތުންނާއި މާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް އެ ބޯޓުތައް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވީ ނަމަވެސް، އެ މަސައްކަތް ނުކޮށް ދޫކޮށްލުމަކީ ސަރުކާރުގެ ފަރުވާކުޑަކަން ކަމަށް އެމްޑީޕީން ބުނެއެވެ.

މި ހާދިސާގައި ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ނަމަވެސް، މިފަދަ ހާދިސާތަކުން ބޮޑެތި ގެއްލުންތައް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ. އަދި ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި ބްރިޖު ބަލައި، އެއްވެސް ގެއްލުމެއް ނުވާކަމަށް ސަރުކާރުން ކަނޑައެޅި އަވަސް އަރުވާލުމާމެދު ވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދާފައެވެ.

މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ޔަގީންކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދި، ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރަމުން އެމްޑީޕީން ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އުޅަނދުތަކަކަށް މިފަދަ ގޮތެއް ދިމާވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަންކަން އިސްލާހު ނުކޮށްފިނަމަ މާލޭގެ ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކަށް މިފަދަ ބޯޓެއް އުރުމަކީ ދުރުކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާން ނިންމާލަމުން، އެއްވެސް ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް އުޅަނދުފަހަރު ވަނުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފާހަގަކޮށް، މިކަމުގައި އިހުމާލުވި ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ޖަވާބުދާރީ ކުރުވުމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއަށް ވަންނަ މިފަދަ ބޭރުގެ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް ހަދައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް