ޑރ ޒާކިރު ނާއިކު
ޑރ ޒާކިރު ނާއިކު
އިންޑިއާއިން ހޯދަން ބޭނުންވެފައިވާ އިސްލާމީ ދާއީ ޑޮކްޓަރ ޒާކިރު ނާއިކް އެ ގައުމާ ހަވާލުކުރުމާ (އެކްސްޓްރަޑިޝަން) ގުޅޭގޮތުން އިންޑިއާގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކަށަވަރުކޮށްދެއްވައިފިއެވެ.

ބޮޑުވަޒީރު އަންވަރު މިކަން ކަށަވަރުކޮށްދެއްވީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަދެކެވުނުކަން ހާމަކުރައްވަމުން އަންވަރު ވިދާޅުވީ، ދެ ގައުމުގެ ގުޅުމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެ މަޝްވަރާތައް ކުރިއަށްދިޔައީ ސިއްރު ބައްދަލުވުންތަކެއްގެ ތެރެއިން ކަމަށެވެ.

ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އިތުބާރު ބޮޑުކުރުމަށާއި ގުޅުން ބަދަހިކުރުމަށްޓަކައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މި މައްސަލަ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒާކިރު ނާއިކް އިންޑިއާއަށް ފޮނުވާލުމުގެ މައްސަލައިގައި މެލޭޝިއާއިން އަމަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ބޮޑުވަޒީރު އަންވަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އިންޑިއާގެ އެދުމާމެދު މެލޭޝިއާއިން ވިސްނައި، ގާނޫނުގެ ސިޔާދަތަށް އިހުތިރާމްކުރުމާއެކު ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ޑޮކްޓަރ ޒާކިރު ނާޔިކް މެލޭޝިއާއަށް ދިރިއުޅުން ބަދަލުކުރެއްވީ 2016 ވަނަ އަހަރު އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އޭނާއާއި އޭނާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) އަދި ޕީސް ޓީވީއާ ދެކޮޅަށް ތަހުގީގުތައް ފެށުމާ ގުޅިގެންނެވެ.

އޭގެ ފަހުން މެލޭޝިއާއިން ވަނީ އޭނާއަށް އެ ގައުމުގައި ދާއިމީކޮށް އުޅުމުގެ ހުއްދަ ދީފައެވެ.

އިންޑިއާއިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގ އާއި ނަފްރަތު އުފައްދާ ވާހަކަ ދެއްކެވިކަމުގެ ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށްގެން ގެންދިއުމަށް އެދެމުންދިޔަ ނަމަވެސް، އިންޓަޕޯލްއިން ވަނީ ކާފީ ހެކި ނެތްކަމަށް ބުނެ ރެޑް ނޯޓިސް ނެރެދޭން ދެކޮޅުހަދާފައެވެ.

މީގެއިތުރުން، 2019 ވަނަ އަހަރު މެލޭޝިއާގައި އުޅޭ އިންޑިއާ އަދި ޗައިނާ ދަރިކޮޅުގެ މީހުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މެލޭޝިއާގެ އާންމުންގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ.

އެ މައްސަލައިގައި ޒާކިރު ނާޔިކް ފަހުން މާފަށް އެދިވަޑައިގެންނެވި އިރު، މެލޭޝިއާގެ ބައެއް ސްޓޭޓްތަކުގައި އާންމުކޮށް ވާހަކަދެއްކެވުން ވަގުތީގޮތުން މަނާކުރެވުނެވެ.



ކިޔުންތެރިންގެ ހިޔާލު