އަޝްވާގް ފައުޒީ   13 ސެޕްޓެމްބަރު 2026 - 6:53
އަލްޤާއިދާގެ ހަނގުރާމަވެރިން ތަކެއް
އަލްޤާއިދާގެ ހަނގުރާމަވެރިން ތަކެއް
ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ނިރުބަވެރި ހަމަލާތަކަށް 25 އަހަރު ފުރިފައިވާއިރު، ތާލިބާނުންގެ ވެރިކަމުގެ ދަށުގައިވާ އަފްޣާނިސްތާނުގައި އަލްޤާއިދާއާއި އެހެނިހެން ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތައް އަލުން ބާރުގަދަކޮށް، ހަރަކާތްތައް ފުޅާކުރަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ސެކިއުރިޓީ މަސްއޫލުވެރިންނާއި އދ. ގެ ރިޕޯޓުތަކާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

2021 ވަނަ އަހަރު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އަލްޤާއިދާއާއި އެ ޖަމާޢަތާ ގުޅުންހުރި ގޮފިތަކުން އަފްޣާނިސްތާނުގައި މަދުވެގެން 8 ކޭމްޕު/މަރުކަޒު ގާއިމުކޮށްފައިވެއެވެ.

އަދި އަލްޤާއިދާގެ މައި ވާދަވެރިޔާ ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިންވެސް އަފްޣާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކުގައި ތަމްރީނުދޭ މަރުކަޒުތައް ހުޅުވައި، ހަރަކާތްތައް ވަރުގަދަކުރަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ. މި ޖަމާޢަތްތަކުން މިހާރު އަފްޣާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން މަދުވެގެން 14 ޕްރޮވިންސެއްގައި ހަރަކާތްތެރިވަމުންދެއެވެ.

އދ. ގެ ރިޕޯޓަކާ ހަވާލާދީ ބުނެފައިވަނީ، ތާލިބާނުންގެ ސަބަބުން އަލްޤާއިދާއަށް އެގައުމުގައި ފަސޭހަކަމާއެކު އުޅެވޭނެ މަގުފަހިވެ، ތަމްރީނު ކޭމްޕުތަކާއި ރައްކާތެރި ފޮރުވޭ ތަންތަން (ސޭފް ހައުސް) ގާއިމުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މި ކޭމްޕުތަކުގައި އާންމު ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ގޮތުގެ އިތުރުން، އެންކްރިޕްޝަން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައްވެސް ދެމުންދާ ކަމަށް ސެކިއުރިޓީ އޮފިޝަލުން މައުލޫމާތު ދެއެވެ.

މީގެއިތުރުން، އަލްޤާއިދާގެ މައި ޖަމާޢަތުގައި އަފްޣާނިސްތާނުގައި މިހާރު ހަރަކާތްތެރިވަނީ 100 އަށްވުރެ މަދު ހަނގުރާމަވެރިން ކަމަށްވީ ނަމަވެސް، އެ ޖަމާޢަތުން މިހާރު އަންނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ އެހެން ނިރުބަވެރި ޖަމާޢަތްތަކަށް އިރުޝާދާއި، ސިއްރު ހަރަކާތްތައް ހިންގުމާއި، އަމިއްލައަށް މަރުވެގެން ދޭ ހަމަލާތަކުގެ ތަމްރީނު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އައިއެސް-ޚުރާސާން އިންވެސް އަފްޣާނިސްތާނުގެ އުތުރު މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށް، 2,000 އަށްވުރެ ގިނަ ހަނގުރާމަވެރިން ބައިވެރިކޮށްގެން ހަރަކާތްތައް ރާވަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމެރިކާ ސިފައިން ފޭބުމާ ގުޅިގެން މައުލޫމާތު އެއްކުރުމުގެ ގާބިލުކަން ކުޑަވި ނަމަވެސް، އެމެރިކާއިން ދަނީ ސަރަހައްދުގެ ހާލަތު ފާރަވެރިވަމުންނެވެ. ނަމަވެސް މިހާރު މި ޖަމާޢަތްތަކުން ވަނީ އިންޓަނެޓް މެދުވެރިކޮށް މީހުން ގުޅުވައި، ހުޅަނގުގެ ގައުމުތަކުގައި އަމިއްލައަށް ހަމަލާދޭ "ލޯން ވަުލްފް" ހަމަލާތަކަށް ހިތްވަރުދިނުން އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް