ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާގެ ބައިވެރިން
ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާގެ ބައިވެރިން
ހިތްވަރާއި ސާބިތުކަމާއެކު އެދޭ ދާއިރާއަކުން ކުރިއަށް ގޮސް މަތީ ތަޢުލީމު ހާސިލުކުރި ނަމަވެސް، މުޅި އުމުރުގައިވެސް އިމާމުކަމާއި ޚަޠީބުކަން ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޒުވާން ޚަޠީބުންނަށް ގޮވާލައްވައިފިއެވެ.

ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ތަޢުލީމު ހާސިލުކުރި ކަމުގައިވިޔަސް، ކޮންމެ މުސްލިމަކީވެސް އިމާމުވެ ނަމާދުކުރުމުގެ ޤާބިލުކަން ހުރި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ޖީލުގައި ތަމްރީނުވަމުން އަންނަ ޒުވާން އިމާމުންނަކީ، ފާއިތުވި ޖީލުތަކުގެ އިމާމުންނަށްވުރެ ޢިލްމީ ގޮތުން މާ ބޮޑަށްވެސް ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިމާމުކަމާއި ޖަމާޢަތްތެރިކަމަކީ މަތީ ފެންވަރުގެ ސެޓުފިކެޓަކަށްވުރެ ބޮޑަށް އެކަމަށް ހުންނަންޖެހޭ އަހުލުވެރިކަމެއް ކަމަށެވެ. އަދި ޒަމާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން އޯލެވެލް އަދި އޭލެވެލް ފެންވަރަށް ޤުރްއާނާއި، ތަޖުވީދުގެ އިތުރުން ފިޤުހުގެ ޢިލްމު އުނގެނިގެން މި ދާއިރާއަށް ޒުވާނުން ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިމާމުކަން ކުރުމަކީ ހަމައެކަނި ޢަރަބިއްޔާ ނުވަތަ ދީނީ މަދަރުސާތަކުން ކިޔަވާ ކުދިންނަށް ޚާއްޞަވެފައި އޮތް ކަމެއްގެ ގޮތުގައި ކުރިން ދެކެވުނު ވިސްނުން މިހާރު ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ތަފާތު އެކި ސްކޫލުތަކުން އައިސް މި ދާއިރާއާ ގުޅެމުންދާ ޒުވާނުންނަކީ މުޖުތަމަޢުން ފާހަގަކޮށްލެވޭ ޢިލްމީ މޮޅު ކުދިން ކަމުގައި ވިދާޅުވިއެވެ.

ޚަޠީބުކަމުގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން މިނިސްޓަރު ވަނީ، ދީނީ ގޮތުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށް ނުވެ، އިސްލާމްދީނުގެ މެދުމިން އުސޫލުތަކުގައި ސާބިތުވެ ތިބެ ޤައުމާއި ދީނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ޒުވާން ޚަޠީބުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެހެންކަމުން، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސަބަބުން ޒުވާނުންގެ ހިތްތަކުގައި ދީނީ ޚިދުމަތަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، މުސްތަޤުބަލުގައި މިސްކިތްތައް ބެލެހެއްޓުމާއި އިމާމުވެ ނަމާދުކުރުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މުޖުތަމަޢުގައި އިސްލާމީ ރިވެތި އަޚްލާޤާއި ހޭލުންތެރިކަން އިތުރުކުރުމުގައި މި ޒުވާން ޚަޠީބުންގެ ދައުރު ވަރަށް ބޮޑުވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް