އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހާ
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހާ
ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ދުވަސްވީ ފިރިހެނަކަށް، ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ 31 އޮގަސްޓް ވީ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރުއަނގޮޅި ކަންމަތިން ބާރު ސްޕީޑުގައި ދިޔަ އުޅަނދުތައް ޖެހިގެންނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން 62 އަހަރުގެ މީހާގެ އިތުރުން، އެ ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

އާއިލާއިން ފުލުހުންނަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓާ ގުޅިގެން 62 އަހަރުގެ މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅި، ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން އެކްސިޑެންޓް ހިނގި ދުވަހު ވަނީ ކުއްލި ގޮތަކަށް ބޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާތީ، އެކަމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް