ޕާކިސްތާނުގެ މެޕެއް
ޕާކިސްތާނުގެ މެޕެއް
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަޙައްދެއްގައި ހުންނަ މިސްކިތަކަށް އަމާޒުކޮށް ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރ ޕަޚްތޫންޚްވާ ޕްރޮވިންސްގެ ކޮހާތު ސަރަޙައްދުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ މިސްކިތުގައެވެ. މި ހަމަލާ ދީފައިވަނީ މިއަދު ހުކުރު ނަމާދަށް މީހުން މިސްކިތަށް ޖަމާވަމުން ދިޔަ ވަގުތު، ގޮވާތަކެތި އަޅާފައިވާ ކާރެއް މިސްކިތުގެ މައި ދޮރޯށްޓަށް ގޮއްވާލައިގެންނެވެ.

ޑީޕީއޭ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން އެ ސިޓީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ތާހިރު ޝާހް ވިދާޅުވީ، ހަމަލާގައި މަރުވި 15 މީހެއްގެ ހަށިގަނޑާއި 50 އަށް ވުރެ ގިނަ ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި މީހުން ހިމެނޭތީ، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް އެ ސަރަޙައްދުގައި އައިސިސް (އައިއެސްއައިއެލް) އަދި ޕާކިސްތާނުގެ ތާލިބާން (ޓީޓީޕީ) ހަރަކާތްތެރިވަމުން އަންނައިރު، އެ ޖަމާއަތްތަކުން އާންމުކޮށް ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާތައް ދެއެވެ.

ފަހަކަށް އައިސް އަފްޣާން ބޯޑަރު ކައިރީގައިވާ ޕާކިސްތާނުގެ ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕާކިސްތާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، އެ ޤައުމަށް ހަމަލާތައް ދޭ ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އެ ޤައުމުގެ ބިމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދެއެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ކާބުލް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، ފާއިތުވި މަސްތަކުގައި ދެފަރާތުން ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް