ތޮއްޑޫގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން
ތޮއްޑޫގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން
އއ. ތޮއްޑޫގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިއަދު ހިންގި ބޮޑު އޮޕަރޭޝަނެއްގައި، އެ ރަށުގައި އުޅޭ 500 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް އޭގެ ތެރެއިން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސް އިން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ތޮއްޑޫގައި ދިރިއުޅޭ ޖުމްލަ 507 ބިދޭސީއެއްގެ ވިސާ އާއި އެހެނިހެން ލިޔެކިޔުންތައް ވަނީ ފުރިހަމައަށް ޗެކްކޮށް ބަލައިފާސްކޮށްފައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް 107 ބިދޭސީންގެ ތެރޭގައި ހިމެނެނީ ސައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި، ވިސާ ދޫކޮށްފައިވާ ވަޒީފާ ދޫކޮށް އެހެން ފަރާތްތަކަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ. އަދި އޭގެ އިތުރުން، ހުއްދަ ދެވިފައިވާ ދާއިރާގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރަމުން ދިޔަ ބިދޭސީންވެސް ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މިފަދަ ހާއްސަ އޮޕަރޭޝަނެއް ތޮއްޑޫގައި ހިންގަން ޖެހުނީ، އެ ރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެ، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުން ދިއުމާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި މުޖުތަމައުގެ އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި، އިމިގްރޭޝަންގެ ޤާނޫނު ތަންފީޒުކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މިފަދަ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން އިސްނަގައިގެން "އޮޕަރޭޝަން ކުރަނގި" ފަދަ ގައުމީ ފެންވަރުގެ ހާއްސަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. މި މަސައްކަތްތަކުގެ ތެރެއިން، ޤަވާޢިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވޭ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށް، އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު