ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން
ދ. ކުޑަހުވަދޫގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އެ ތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 1384، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ދ. ކުޑަހުވަދޫ، ފްރެންޑްލީ، ނިހާލް ނަސީމް (30އ) ގެ އިތުރުން ދ. ކުޑަހުވަދޫ، މާވެޔޮ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ރަށުގެ ހޮޓަލެއްގެ ތެރޭގައި އެ މީހުން ތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުން ތިބި ތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށްވެސް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް