ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އާންމު މަޖިލީހުގައި:  ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އާންމު މަޖިލީހުގައި: ފޮޓޯ/ ރައީސް އޮފީސް
އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި، އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ހަމަހަމަ އަދި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަޤްވާމީ އިޤްތިޞާދެއް ބިނާކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި، އދ. އާއެކު އޮތް ގާތް ގުޅުން ރާއްޖެއިން ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި، ދަރަންޏަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން ގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކުރި 60 އަހަރަށްވުރެ ދިގު މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތް ހިމެނޭހެން، ރާއްޖޭގެ ތަރައްޤީއަށް އެ ޖަމުޢިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ އުންމީދީ ޤައުމީ މަސައްކަތުގައި ވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އދ. ގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރާއި ލީޑަރޝިޕް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާ ކަމާއި، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން މިހާރުވެސް ރާއްޖެއިން އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކުރިއަށް އޮތް ދައުރުތަކަށް އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް ރައީސް ހާމަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވަމުންދާ ގޮންޖެހުންބޮޑު މައްސަލަތަކަށް ޙައްލު ހޯދުމުގައި ޑިޕްލޮމެސީއާއި، މަޝްވަރާއާއި، އެންމެންގެ ބައިވެރިވުން ހިމެނޭ މަލްޓިލޭޓަރަލް ނިޒާމެއްގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 1965 ގައި ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުމާއި ބައިވެރިވުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމުގައާއި، ތަރައްޤީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް