ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައި.އޯ.އެމް) ގެ އިސްވެރިންނާ މިއަދު މަޝްވަރާކުރަށްވައިފިއެވެ.

ފުލުން ބުނީ، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ސީޕީ އަޙްމަދު މުޙައްމަދު ވަނީ، އައި.އޯ.އެމް އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއާ ބައްދަލު ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަށްވާފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ތަފާތު ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި، މިފަދަ ނުރައްކާތެރި ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމަށް ޤާއިމުކޮށްފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދެފަރާތް ގުޅިގެން އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރަށްވާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު