ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ދިވެހި އުފެއްދުންތެރީންނާއި ވިޔަފާރިވެރިންގެ ހުނަރުވެރިކަން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި ބައިވެރިކުރުމަށް 6،000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މަޢުރަޒާ އަޅައިބަލާއިރު 2،000 އުފެއްދުމުގެ ބޮޑު ކުރިއެރުމެކެވެ.

ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މި ފަހަރުގެ މަޢުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތަފްޞީލު ހުށަހެޅުމުގެ ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން، އެންމެ ފަހު ވަގުތަށް މަޑުނުކުރައްވައި ވީހާވެސް އަވަހަކަށް ތަފްޞީލުތައް ފުރިހަމަކުރެއްވުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރަކީ ރާއްޖޭގެ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ބީސީސީގެ މައިގަނޑު އަމާޒަކީ، މި މަޢުރަޒަކީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ އެންމެ ފަހި ޕްލެޓްފޯމަށް ހެދުމެވެ. މީގެ ސަބަބުން ދިވެހިންގެ އައު އީޖާދުތަކާއި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.

މި އަހަރުގެ މަޢުރަޒު ކުރިއަށްދާނީ މައިގަނޑު 16 ދާއިރާއަކުން 73 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އޭގެ އިތުރުން ދިވެހި ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، ރަށު އަދި އަތޮޅު ކައުންސިލްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ވިޔަފާރީގެ ހަރަކާތްތަކުގެ އިތުރުން، މި މަޢުރަޒަށް ޒިޔާރަތްކުރާ ޢާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ ތަފާތު ކުޅިވަރުތަކާއި، ދިވެހި ސަގާފީ ހަރަކާތްތަކާއި ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތައްވެސް މި މުއްދަތުގައި ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް