ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރުގެ ވެރިކަމެއްގައި ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް ގެންނަވާނެ ކަމަށާއި، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެއްކޮށް ހުއްޓަވާ ލައްވާނެކަން އިޢުލާނު ކުރަށްވައިފިއެވެ.

ޢުމަރު ނަޞީރު މިކަން ހާމަކުރެއްވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޢުމަރު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށް އިސްލާޙު ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެގޮތުން، މިހާރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އަހަރަކު ދޫކުރަމުން އަންނަ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފައިސާ ދޫކުރުން އެއްކޮށް އުވާލައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޢުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ކަނޑާލުމަށްފަހު، އެ ފައިސާ ދެން ބޭނުންކުރާނީ ޤައުމުގެ ތަރައްޤީއަށްޓަކައި ދިރާސާތައް ކުރުމަށާއި އައު އީޖާދުތައް ތަރައްޤީ ކުރުމުގެ (ރިސާޗް އެންޑް ޑިވެލޮޕްމަންޓް) ދާއިރާއަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ފަސް ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ޢުމަރު މީގެކުރިން ވިދާޅުވެފައިވަނީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ، ވޭތުވެދިޔަ 18 އަހަރު ސިޔާސީ ޕާޓީތަކުން ހިންގި އިސްރާފު ބޮޑު އަދި ކޮރަޕްޝަން ބޮޑު ސަރުކާރުތަކުގެ ސަބަބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް