ހއ. ބާރަށް
ހއ. ބާރަށް
ސްކޫލް ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ އަޚުލާޤު ހަރުދަނާކޮށް، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރ. ވާދޫ ކައުންސިލާއި ހއ. ބާރަށު ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

ދެ ރަށުގެ ކައުންސިލުންވެސް މި ނިންމުން ނިންމާފައިވަނީ ދަރިވަރުންނާއި ކުޑަކުދިންގެ ފަރާތުން މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކާ ޚިލާފު ނޭދެވޭ ކަންތައްތަކެއް ފާހަގަކުރެވެމުންދާތީއެވެ.

ހއ. ބާރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، 2024 ސެޕްޓެމްބަރ 26 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދުރާލާ އެއްވެސް ބޭނުމެއްނެތި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅުމަކީ މަނާކަމެއް ކަމަށެވެ. އެ ކައުންސިލުން ފާހަގަކުރި ގޮތުގައި، ޢުމުރުން 18 އަހަރުން ދަށުގެ ކުދިން ގޮނޑުދޮށްތަކާއި، ފިނިމައިޒާންތަކާއި، ހޮޅުއަށިތަކުގެ އިތުރުން މީހުންނާ އެކަހެރި ސަރަޙައްދުތަކުގައި ވަރަށް ދަންވަންދެން ނޭދެވޭ ގޮތުގައި ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ބާރަށު ކައުންސިލުން އިތުރަށް ބުނީ، އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ކުޑަކުދިންގެ ޖިސްމާނީ، ނަފުސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ރަށުގެ މަދަނީ ޖަމުޢިއްޔާތަކާއި، ސްކޫލާއި، ކުޅިވަރު އެކެޑަމީތަކުންވެސް މިކަމަށް ސަމާލުކަންދީ، އިޖުތިމާޢީ ގޮތުން ކުރިމަތިވެދާނެ އަޚުލާޤީ މައްސަލަތަކުން ކުދިން ސަލާމަތްކުރުމަށް އެއްބާރުލުން ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ރ. ވާދޫ ކައުންސިލުންވެސް ވަނީ ދަރިވަރުންގެ ސުލޫކާއި އަޚުލާޤު ހިފެހެއްޓުމަށްޓަކައި ހަރުކަށި އުޞޫލުތަކަކަށް ޢަމަލުކުރަން އަންގާފައެވެ. އެގޮތުން ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ބޭރުގައި ނޫޅުމަށާއި، އިރުއޮއްސުމަށްފަހު މައިޒާންތަކާއި، ޕާކުތައް އަދި އިޖުތިމާޢީ ބީޗުތައް ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ. އަދި އިރުއޮއްސުމަށްފަހު ކުޅިވަރު ކުޅޭ ތަންތަން ބޭނުން ނުކުރުމަށާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ނުހިންގުމުގެ އިތުރުން، ބެލެނިވެރިއަކާ ނުލައި ކަނޑުތޮއްޓަށް އެރުމާއި ރަށުން ބޭރަށް ދަތުރުކުރުންވެސް ވާދޫ ކައުންސިލުން ވަނީ މަނާކޮށްފައެވެ.

ވާދޫ ކައުންސިލުން އިތުރަށް ކަނޑައެޅި އުޞޫލުތަކުގެ ތެރޭގައި، ކުދިންގެ ޢުމުރާ ނުގުޅޭ އެއްވެސް ބުރަ މަސައްކަތެއް ނުކުރުވުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތް ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ދަރިވަރުން ބައިވެރިނުވުން ހިމެނެއެވެ. މި އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ދެ ރަށުގެ ކައުންސިލުންވެސް ވަނީ، ޤައުމުގެ ޤާނޫނުތަކާއި އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް އިސްކަންދީ، ކުދިންގެ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް