ގަން އެއާޕޯޓުން ތިން ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 3 މީހުން
ގަން އެއާޕޯޓުން ތިން ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 3 މީހުން
ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން، އިންޑިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ވިވެކް އަމްބަން އަދި 32 އަހަރުގެ ޝަހްމިލް ޕަލި ޕަރަމްބަތް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ޏ. ފުވައްމުލައް، ހޯދަޑު، ކުމެރީގެ، އުމުރުން 36 އަހަރުގެ ޢަބްދުﷲ އިބްރާހީމް ވަނީ ހައްޔަރުކޮށްފައެވެ.

މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިންޑިއާގެ ދެ މީހުން ކަމަށްވާ ވިވެކް އާއި ޝަހްމިލް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދިވެހި ފިރިހެނެއް ކަމަށްވާ ޢަބްދުﷲ އިބްރާހީމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް