އަޝްވާގް ފައުޒީ   26 ސެޕްޓެމްބަރު 2026 - 11:46
ރައީސް ނަޝީދު ނެރޭ ފޮތް
ރައީސް ނަޝީދު ނެރޭ ފޮތް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރު ވާހަކަތަކެއް ހިމެނޭ ފޮތެއް ނެރުމަށް ތައްޔާރުވެ، އެ ފޮތް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

'އޯޝަން ޕަބްލިޝާޒް' އިން ނެރުމަށް ހަމަޖެހިފައިވާ މި ފޮތަށް ދީފައިވާ ނަމަކީ 'ކުރުވާހަކަ - 80ގެ ފަހުކޮޅު' އެވެ.

މި ފޮތް ނެރުމަށް ނިންމެވި މައިގަނޑު ސަބަބާ ބެހޭގޮތުން ޗާޕްގެއިން ނެރުނު ޕޯސްޓަރުގައި ރައީސް ނަޝީދާ ހަވާލާދީ ބުނެފައިވަނީ، ތަކެތީގެ އަގު ބޮޑުވުމާއި ކުރީގެ ރައީސުންނަށް ދޭ އެލަވަންސްގެ ބޮޑު ބައެއް ކަނޑާލާފައިވުމުގެ ސަބަބުން މިވަގުތު އަތްމަތި ދަތިވެފައިވާ ކަމަށެވެ.

އަދި ލ. އަތޮޅުގައި ގޯއްޗެއްގައި ގެއެއް އަޅަން އުޅުމުގެ ތެރޭގައި ރައްކާކުރެވިފައި ހުރި ފައިސާ ހުސްވެފައިވުމާއެކު، އިތުރު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި މި ފޮތް ނެރެނީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަންނަ މަހުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ މި ފޮތުގެ އަގަކީ 250 ރުފިޔާއެވެ. ޕަބްލިޝިން ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި ފޮތް ނެރޭނެކަން އިއުލާނުކުރުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާރުވެސް 100 އަށްވުރެ ގިނަ މީހުން ވަނީ ފޮތް ގަތުމަށް އެދިފައެވެ.

1990ގެ އަހަރުތަކުގެ ތެރޭގައި ލިޔުއްވާފައިވާ މި ވާހަކަތަކުގެ ތެރޭގައި 'ޗާލާ ޒަމާން'، 'ހިތާ ހިތުގެ ގުޅުން'، 'ގައުމީ މަޝްރޫއު'، 'ރީތި ހަދިޔާއެއް' އަދި އިނގިރޭސި އިސްތިއުމާރީ ދުވަސްވަރާ ގުޅޭ 'މޫސަބަރު' ފަދަ ވާހަކަތައް ހިމެނެއެވެ.

މި ވާހަކަތަކުގައި 1980އާއި 1990ގެ އަހަރުތަކުގެ އެކި ހާދިސާތަކާއި ސިޔާސީ މަންޒަރުތަކުގެ މައްޗަށް އަލިއެޅުވާލާފައިވެއެވެ.

މި ފޮތުގައި އުޅޭ 'ހަސަން ކުރުސީ'ގެ ކެރެކްޓާއާ ގުޅޭގޮތުން އޯޝަން ޕަބްލިޝާޒްއިން ވަނީ ހާއްސަ އޮޅުންފިލުވައިދިނުމެއް އަރުވާފައެވެ.

އެއީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ކާކުކަން ނޭނގޭ 'ހަސަން ކުރުސީ' އެކައުންޓު ނޫން ކަމަށާއި، ފޮތުގައިވާ ކުރުސީއަކީ މިޒާޖާއި ތޮބިއްޔަތުގެ ގޮތުން މުޅިން ތަފާތު، އުމުރުން 30 އަށް އަޅަމުންދާ ބަތޮލެއް ކަމަށް އެ ފޮތް ނެރޭ ފަރާތުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު