އިމިގްރޭޝަން ކައުންޓަރު ކައިރީގައި ފަސިންޖަރުން، ފޮަޓޯ: އިމިގްރޭޝަން
އިމިގްރޭޝަން ކައުންޓަރު ކައިރީގައި ފަސިންޖަރުން، ފޮަޓޯ: އިމިގްރޭޝަން
ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު ދަތުރު ފެށުމުގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުން ލާޒިމުކުރާ އައު ގަވާއިދެއް އެކުލަވާލައިފިއެވެ.

"ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު" ގެ ނަމުގައި އެކުލަވާލާފައިވާ މި އުސޫލަކީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރާ ގުޅޭ މުއާހަދާތަކުގެ ދަށުން ބާރުލިބިގެން ތަންފީޒުކުރަން ފެށި ގަވާއިދެކެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގައުމަށް އެތެރެވާ އަދި ފުރައިގެންދާ ފަރާތްތަކުގެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ދުރާލައި ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން ޓެރަރިޒަމްގެ އަމަލުތަކާ ގުޅުންހުރި މީހުންނާއި، ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ ބިދޭސީން ދެނެގަނެ، އެފަދަ ފަރާތްތައް ރާއްޖެއަށް އެތެރެވުމާއި ފުރުން ހުއްޓުވުމުގެ އިތުރުން، އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގަރާރުތަކާއި ބައިނަލްއަގްވާމީ އިލްތިޒާމްތަކަށް ފުރިހަމައަށް އަމަލުކުރުން މި ގަވާއިދުގެ ތެރޭގައި ހިމެނެއެވެ.

މި އުސޫލު ހިނގާނީ ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހައި ވައިގެ އުޅަނދުތަކާއި، އުޅަނދުތަކުގެ ވެރިފަރާތްތައް، ޗާޓަރުކުރާ ފަރާތްތައް، އޭޖެންޓުން އަދި ކެޕްޓަނުން ހިމެނޭ ގޮތަށް އެ އުޅަނދުތަކާ ހަވާލުވެތިބޭ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ. އެގޮތުން ދަތުރު ފެށުމުގެ ކުރިން އުޅަނދުގެ ތަފްސީލާއި، ފުރާ އަދި ޖައްސާ ގަޑިތަކުގެ އިތުރުން، ފަސިންޖަރުންގެ ފުރިހަމަ މައުލޫމާތާއި، ދާގީނާ، ވިސާގެ ތަފްސީލު، ދާއިމީ އެޑްރެސް އަދި ދަތުރުކުރާ މަންޒިލްގެ މައުލޫމާތު އިމިގްރޭޝަނާ ހިއްސާކުރަން ޖެހެއެވެ.

އިމިގްރޭޝަނަށް ލިބޭ މި މައުލޫމާތުތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި ހާލަތްތަކުގައި ކަމާބެހޭ އިންޓެލިޖެންސް އިދާރާތަކާ ހިއްސާކުރުމުގެ ބާރު ލިބިދީފައިވާއިރު، އެ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ އެ އިދާރާތަކުގެ ޒިންމާއެކެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 2،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު، މި އައު އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް