ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީ ސަލާމަތްކުރުން | ފޮޓޯ: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބިދޭސީ ސަލާމަތްކުރުން | ފޮޓޯ: އެމްއެންޑީއެފް
ސިނަމާލެ ބުރިޖު މަތިން މޫދަށް ފުންމާލި ބިދޭސީ މީހާ ޝަރުތަކާ ނުލައި ބަންދުން ދޫކޮށްލުމަށާއި، އޭނާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސިނަމާލެ ބުރިޖު މަތިން މޫދަށް ފުންމާލުމަށްފަހު ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮތް އެ މީހާ ސަލާމަތްކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމަކުންނެވެ. މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ކޯސްޓްގާޑުން އޭނާ ސަލާމަތްކޮށް ފުލުހުންނާ ހަވާލުކުރުމުން، ފަރުވާއަށްޓަކައި ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް އެ އަމުރުގައި ވަނީ ބަލިހާލަތު ރަނގަޅުވިހާ އަވަހަކަށް، 24 ގަޑިއިރުގެ ތެރޭގައި ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށެވެ.

އެއަށްފަހު، އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ އެއްވެސް ޝަރުތަކާ ނުލައި ބަންދުން ދޫކޮށްލުމަށް ނިންމާފައެވެ. ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ފަދަ ގާނޫނީ ހާލަތެއް ނެތް ކަމަށާއި، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

މީގެއިތުރުން، އެ މީހާއަށް ދިމާވެފައިވާ ހާލަތަށް ބަލައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އޭނާއަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް، އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް މި އަމުރުގެ ސަބަބުން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް