ފޮޓޯ: ޕީޖީ އޮފީސް
ފޮޓޯ: ޕީޖީ އޮފީސް
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޖުޑީޝަލް ނެޓްވޯކް (ސީޖަސްޓް) މެދުވެރިކޮށް ފޮނުވާ ނުރަސްމީ ސުވާލުތަކަށް ސަރުކާރު ބަންދު ނޫން އެއް ދުވަހުގެ ތެރޭގައި ޖަވާބުދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، އަލަށް ފެންމަތިވަމުން އަންނަ ޑިޖިޓަލް ކުށްތަކާ ގުޅޭގޮތުން ބޭއްވި ސީޖަސްޓްގެ ޤައުމުތަކުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.

ޕީޖީ ޢައްބާސް ޝަރީފްގެ ވާހަކަފުޅުގައި، ޤައުމުތަކުގެ ސަރަޙައްދީ އިމުން ބޭރުން ހިންގާ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ރަސްމީކޮށް އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ކުރިން ޕްރޮސެކިއުޓަރުންގެ މެދުގައި ސީދާ ގުޅުން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން "އެއްބާރުލުން ދެނީ ނެޓްވޯކްތަކަކުން ނޫން ކަމަށާއި، އެއްބާރުލުން ދެނީ މީހުން" ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޕީޖީ އައްބާސް ބާރުއެޅުއްވިއެވެ.

އެގޮތުން ރާއްޖޭގެ ޕީޖީ އޮފީހުން ނިންމާފައިވަނީ ސީޖަސްޓްގެ އެކި ޕްރޮސެކިއުޓަރުންގެ ފަރާތުން އަންނަ ނުރަސްމީ ސުވާލުތަކަށް ޖަވާބު ދިނުމަށް ޚާއްޞަ ޕްރޮސެކިއުޓަރަކު ކަނޑައެޅުމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މިފަދަ ސުވާލުތަކަށް ޖަވާބު ދިނުމަށް ހޭދަވާ ވަގުތުގެ ތަފާސްހިސާބުތައް އާންމުކޮށް ޝާއިއުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރާއްޖޭގެ ޤާނޫނީ ނިޒާމަށް ދާދިފަހުން ގެނެވުނު އިސްލާޙުތަކުގެ ތަޖުރިބާއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ "ޕީޖީއޯ 2.0 އޭއައި ގަވަރނަންސް ފްރޭމްވޯކް" ގެ މަޢުލޫމާތު ސީޖަސްޓްގެ މެންބަރު ޤައުމުތަކާ ޙިއްޞާކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސީޖަސްޓްގެ އަހަރީ ޕްލެނަރީ ބައްދަލުވުން ބާއްވާނީ ދިވެހިރާއްޖޭގައި ކަމަށެވެ. މިއީ މި ނެޓްވޯކްގެ ބައްދަލުވުމެއް އިންޑިއާ ކަނޑުގެ ޤައުމެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް