ރަސްމާލެ މަޝްރޫޢުގެ ދަށުން ވިއްކާ ޕްރޮޕަޓީތައް ވާރުތަވާނީ އަދި ވިއްކޭނީ ވެސް ދިވެހި ސަރުކާރުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، ހުއްދަ ދިނުމުން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރަސްމާލޭން ބޭރުގެ ފަރާތްތަކަށް ޕްރޮޕަޓީ ގަނެވޭ ގޮތަށް ހުޅުވާލުމާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޑރ. މުއްޠަލިބް ވިދާޅުވީ، ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކިއްޔާތަކީ ހަމައެކަނި އެ ޕްރޮޕަޓީ ކަމަށާއި، އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ އަބަދުވެސް ދިވެހި ދައުލަތުގެ މިލްކެއް ކަމަށެވެ. އަދި އެ ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ވެރިފަރާތް މަރުވުމުން ވާރުތަވާނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށާއި، އެ ހުއްދަ ދެވޭނީ ވެސް އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެފަދަ ޕްރޮޕަޓީތައް އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް މި އުސޫލުގެ ދަށުން ވިއްކައި، ބަދަލުކޮށް އަދި ވާރުތަވާ މުދާ ކަމަށެވެ.

މީގެއިތުރުން، ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއަށާއި އޭނާގެ ޢާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ސަބަބެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ފުރިހަމަވުމުން އެ އިދާރާއިން ކުރާ ކަމެއް ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އިމިގްރޭޝަނަށް ކަމަށް ޑރ. މުއްޠަލިބް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އިސްތިޤުލާލާއި އިޤްތިޞާދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއް ކަމަށާއި، ދައުލަތް ތަނަވަސްވެ ތަރައްޤީވަމުން ދިއުމަކީ ޤައުމުގެ އިސްތިޤުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ އޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއަށް މިއަދު ބޭނުންވަނީ ކުރު މުއްދަތުގެ ފައިދާއެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ދެމެހެއްޓެނިވި ބިޔަ ތަރައްޤީގެ މަޝްރޫޢުތައް ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން މިހާރުވަނީ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް