އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރުންނަށް ހާއްޞަކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނަލް އެވެއާނެސް ސެޝަންގެ ތެރެއިން
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރުންނަށް ހާއްޞަކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނަލް އެވެއާނެސް ސެޝަންގެ ތެރެއިން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް މެނޭޖަރުންނަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ޕްރޮގްރާމް، "އޮޕަރޭޝަނަލް އެވެއާނެސް ސެޝަން 2026" ގެ 2 ވަނަ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.

މިއީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ ހާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ކުންފުނީގެ އޮޕަރޭޝަނަލް ހިންގުންތެރިކަން ހަރުދަނާކޮށް، އިތުރަށް ރަނގަޅުކުރުމަށްޓަކައި، މެނޭޖްމަންޓްއިން ކުރިއަށް ގެންދާ ވަރަށް މުޙިންމު ސިލްސިލާ ޕްރޮގްރާމެކެވެ. މި ސިލްސިލާ ޕްރޮގްރާމް މި އަހަރުގެ ބާކީ އޮތް 3 މަސްދުވަހުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އެމްޓީސީސީގެ މެނޭޖްމަންޓާއި، ޕްރޮޖެކްޓް ޓީމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތުގެ ތަޖުރިބާ ދެފަރާތުން ހިއްޞާކޮށް، މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ މުޙިންމު ކަންކަމަށް ފުޅާ ދާއިރާއެއްގައި އަހުލުވެރިވުމެވެ.

މި ސެޝަންތަކުގައި އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ސިސްޓަމަށް އަހުލުވެރިކުރުމާއި، ޢިމާރާތްކުރުމާއި ބެހޭ ކުރެހުންތައް ބަލާނެ ގޮތާއި، ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ބޭނުންވާ އީއައިއޭ ބަޔާންތަކާއި، ޤާނޫނީ ހޭލުންތެރިކަމާއި، ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަނާއި، މަޝްރޫޢޫތަކުގެ އެކައުންޓްސް އިންވެންޓްރީ، މެޓީރިއަލްސް އަދި ޚަރަދު މެނޭޖްކުރުމާއި ބެހޭގޮތުން މުޙިންމު މަޢުލޫމާތުތައް ހިއްޞާކުރެވުނެވެ.

އިއްޔެ ބޭއްވުނު ސެޝަންގައި އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވަނީ ދެފަރާތުގެ ބައިވެރިވުން ހިމެނޭ ގޮތަށް، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ދިމާވާ އޮޕަރޭޝަނަލް ގޮންޖެހުންތަކާ އަދި އެކަންކަމަށް ގެނެވިދާނެ ޢަމަލީ ޙައްލުތަކާ ބެހޭގޮތުންނެވެ. މީގެ ސަބަބުން، މަސައްކަތުގައި ލިބޭ މަޢުލޫމާތާއި ތަޖުރިބާތައް ހިއްޞާކުރުމުގެ ފުރުޞަތު ލިބި، ސަމާލުކަން ދޭންޖެހޭ ދާއިރާތައް ދެނެގަނެވި، މަޝްރޫޢުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ބޭނުންވާ އައު ޚިޔާލުތައް ހުށަހެޅުމަށް މަގުފަހިވާނެއެވެ. އަދި، ޢަމަލީ މައިދާނުގައި މަސައްކަތްކުރާ ޓީމުތަކާއި މެނޭޖްމަންޓާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބިނާކުރެވެނިވި މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް ނިންމުންތައް ނިންމުމަށާއި މުވާޞަލާތީ ގުޅުން ހަރުދަނާކުރުމަށް މި ސެޝަނުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

މެނޭޖްމަންޓުން ޤަބޫލުކުރާ ގޮތުގައި، ޢަމަލީ ތަޖުރިބާގެ އަލީގައި މަސައްކަތްތައް އިސްލާޙުކުރުމަށް އިސްކަންދިނުމަކީ، މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށާއި، ޒިންމާދާރުކަމާއި ރައްކާތެރިކަމާއެކު މަޝްރޫޢުތައް ނިންމުމަށް އެމްޓީސީސީން ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ. މީގެ އިތުރުން މި ޕްރޮގްރާމުގެ ސަބަބުން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ޤާބިލުކަން އިތުރުވެ، ޖަވާބުދާރީވުމާއި، އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުން އިތުރުވެ، އެކި ޑިޕާޓްމަންޓްތަކާއި ޕްރޮޖެކްޓް ޓީމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެއެވެ. އަދި، ޓީމުތަކުން ފާހަގަކުރާ ކަންކަމަށް ވަގުތުން ފިޔަވަޅު އަޅައި، މަސައްކަތްތައް ގާތުން ބެލެހެއްޓުމަށްވެސް މި ޕްރޮގްރާމުގެ ސަބަބުން މަގުފަހިވާނެއެވެ.

އެމްޓީސީސީގެ އަމާޒަކީ، މިފަދަ ހަރަކާތްތައް މެދުވެރިކޮށް، ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި އަދި ޤާބިލް ބައަކަށް ހެދުމެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތައް ރައްކާތެރިކަމާއި، ހަލުވިކަމާއި، އަދި ފުރިހަމަކަމާއެކު ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް