ފުލުހުން ނައްތާލި ބަނގުރާ ފުޅިތައް، ފޮޓޯ: ފުލުހުން
ފުލުހުން ނައްތާލި ބަނގުރާ ފުޅިތައް، ފޮޓޯ: ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބަނގުރަލުގެ ތަފާތު މައްސަލަތަކެއްގައި ހިމެނޭ 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި، ކ. ދޫނިދޫގައި ނައްތާލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ނައްތާލި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅި، ޑްރަގް އެންފޯސްމަންޓުން ތަޙުޤީޤުކުރި ތިން ހާދިސާއަކާ ގުޅިގެން އަތުލައިގެންފައިވާ ތަކެއްޗެވެ.

މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ނައްތާލާފައިވަނީ 500 އެމްއެލްގެ 2،547 ފުޅި ބަނގުރަލެވެ. އަދި މީގެ އިތުރުން ފަސް ލީޓަރުގެ 23 ފުޅި ބަނގުރާ ވެސް އެ ދުވަހު ވަނީ ނައްތާލައިފައެވެ.

ފުލުހުންގެ ހާމަކުރި ގޮތުގައި، ބަނގުރަލުގެ އިތުރުން އެ މައްސަލަތަކާ ގުޅުންހުރި އެހެނިހެން ނުވަ އައިޓަމެއް ވެސް ވަނީ ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމަނައިފައެވެ. އޭގެ ތެރޭގައި ބަނގުރާ އެޅުމަށާއި ގެންގުޅުމަށް ބޭނުންކޮށްފައިވާ ޕްލާސްޓިކް ޓައްޕުތައް ފާހަގަކޮށްލެވެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ގަވާއިދުގެ ދަށުން އެކަމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް