ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ފޮޓޯ: ޕީއެސްއެމް
އިސްރަށްވެހިންނަކީ މުޅި ޤައުމުގެ ހަރުދަނާ ތަނބުތައް ކަމަށާއި، އެ ފަރާތްތަކަށް ޤަދަރުކޮށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ "އިސްރަށްވެހިންގެ ސައްލާ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާށިދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ އިންސާނަކަށް ވެސް ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށާއި، ވަކިން ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންގެ ނަފުސާނީ ދުޅަހެޔޮކަމާއި އުފާވެރިކަމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި މިއަދު މި ދެކޭ ޤައުމު ބިނާކުރުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވެފައިވަނީ އިސްރަށްވެހިން ކަމަށާއި، ޤައުމަށް ޚިދުމަތްކުރާނެ މުރާލި ޒުވާން ޖީލުތައް ބިނާކޮށްދިނީ ވެސް އެ ބޭފުޅުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މެޑަމް ސާޖިދާ ވިދާޅުވީ، އިސްރަށްވެހިންގެ ރައްކާތެރިކަމާ ގުޅޭ އެންމެހައި ކަންކަމަށް މުސްލިމުންގެ ހައިސިއްޔަތުން ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފުސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިމަގު ބައްޓަންވަމުން ދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި އަމާޒަށްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ރާއްޖޭގައި މަރުކަޒުތައް ޤާއިމުކުރެވެމުންދާ ކަމަށެވެ. އަދި އެ މަރުކަޒުތަކުގައި ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމުތަކުގެ ސަބަބުން ދުވަސްވީ މީހުންގެ އެކަނިވެރިކަން ފިލައި، އުފާވެރި މާޙައުލެއް ލިބެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ސައްލާ ފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުވެ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން، އެކަމަނާ ވަނީ އެ ފަރާތްތަކަށް ނަފުސާނީ ހިތްހަމަޖެހުމާއި، ރޫޙާނީ އުފާވެރިކަމާއި، އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް