ވަޠަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: ޑިފެންސް މިނިސްޓްރީ
ވަޠަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމުގެ މުހިންމު މަޤުޞަދާއެކު ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ބެޗު ރަސްމީކޮށް ފަށައިފިއެވެ.

މި ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކުން ޖުމްލަ 84 ދަރިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.

މި ޕްރޮގްރާމް ފެއްޓެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރާފައިވާ ކަމަށެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިން (އެންއެސްއައިޓީ) ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ޢިލްމާއި ހުނަރު ދަސްކޮށްދޭ މުހިންމު ޕްރޮގްރާމެކެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަސްވެނިވި އެންއެސްއައިޓީގެ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން މި ބެޗަށް ދަރިވަރުން ހޮވާފައިވަނީ ޖުމްލަ 84 ދަރިވަރުންނެވެ. އޭގެ ތެރޭގައި 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުން ހިމެނެއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ހިމެނެއެވެ. އެއީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ. މި ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ހަމައެކަނި ފަންނީ ހުނަރު ދަސްކޮށްދިނުމަށްވުރެ ބޮޑަށް، ދަރިވަރުންގެ ދިރިއުޅުމުގެ ހުނަރުތައް (ލައިފް ސްކިލް) ތަރައްޤީކުރުމަށްވެސް ބާރު އަޅާ ޕްރޮގްރާމެކެވެ. މިގޮތުން، ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚުލާޤާއި ސުލޫކުގެ ރީތި ނަމޫނާ ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ، ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މިގޮތުން، މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚުލާޤާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ދޭނެއެވެ. މި ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ޤައުމީ ޙަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް