ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ޒުވާން ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ފުރުސަތުތައް ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 12 އިން 22 އަށެވެ.

މި ޕްރޮގްރާމަކީ ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން ޒުވާން ދިވެހިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ

ފުރުސަތެކެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިންޓާނުންނަށް މަސައްކަތު ގަޑި ވެސް ވަނީ 2:00 އަށް ނިންމޭ ގޮތަށް ހަމަޖައްސާފައެވެ.

އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެއެވެ.

މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ތައުލީމެއް ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށެވެ. މީގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައެވެ. މިކަމުން ދައްކުވައިދެނީ މި ޕްރޮގްރާމަކީ ޒުވާން ހުނަރުވެރިން ބިނާކުރުމަށް ކާމިޔާބު މަންސައެއްގެ ގޮތުގައި ހިނގަމުންދާ ޕްރޮގްރާމެއް ކަމެވެ. މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް