ތ. ތިމަރަފުށި-
ތ. ތިމަރަފުށި-
ތ. ތިމަރަފުށީގައި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމަށްޓަކައި، ދިގު މުއްދަތަކަށް އެ ރަށުން ފަސް ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން ފުރުސަތު ހުޅުވާލައިފިއެވެ.

ތިމަރަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، މި ބިންތަކަކީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގެސްޓްހައުސް ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކެއް ކަމަށެވެ. އެގޮތުން މި ފަސް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންވާނީ އެ އިދާރާއިން އާންމުކޮށްފައިވާ "ކޮޅުމަޑުލު ތިމަރަފުށިން ގެސްޓްހައުސް ބިނާކުރުމަށް 22 ބިން ދޫކުރުމާ ބެހޭ އުސޫލު 2024" ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ (މައުލޫމާތު ދިނުމުގެ ބައްދަލުވުން) އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 1 ވާ ދުވަހުގެ ހެނދުނު 11:00 ގައި ތިމަރަފުށީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. މި ސެޝަނުގައި ބީލަމާ ގުޅިގެން ޚާއްސަ ސަމާލުކަމެއް ދޭންވީ ކަންކަން ބައިވެރިންނާ ހިއްސާކުރުމާއި، ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށްދާނެއެވެ. އަދި މައުލޫމާތު ދިނުމުގެ ސެޝަނަށް ފަހު، ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ގެސްޓްހައުސް ބިންތައް ހިމެނޭ ސަރަހައްދު ބީލަންވެރިންނަށް ދައްކާލުން އޮންނާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ތިމަރަފުށީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިޑް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ނޮވެމްބަރު މަހުގެ 8 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:59 ގެ ކުރިންނެވެ.

މި ފުރުސަތަކީ ތިމަރަފުށީގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވަޒީފާއާއި އާމްދަނީގެ އާ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ މަގުސޫދުގައި ހުޅުވާލެވުނު މުހިންމު ފުރުސަތެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް