އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ
އީރާނުގައި ނިއުކްލިއާ ހަތިޔާރެއް ނެތް ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޮބާމާ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގައި ތެހެރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާއި ކުރިމަތިވި ހަނގުރާމައިގެ ޙާލަތަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ހިނގައިދިޔަ ކަންކަމެއް ނޫނެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެކުލަވައިލި ބައިނަލްއަޤްވާމީ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ޓްރަމްޕް ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމުގައިވެސް އޮބާމާ ވިދާޅުވިއެވެ.

އޮބާމާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި އީރާނާއެކު ވެވުނު ނިއުކްލިއާ އެއްބަސްވުމުގެ ސަބަބުން، އެ ޤައުމަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ބަންދުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން އެ އެއްބަސްވުން އުވާލައި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުން ސަރަޙައްދީ މަސްރަޙު އަނެއްކާވެސް ނުތަނަވަސްވެ، ގޯސްވެގެން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށްވެސް ނުރައްކާ ކުރިމަތިވި ކަމަށް އޮބާމާ އިތުރަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރަމްޕްގެ މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތީގައި ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެ، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއަށް އޮތް އިތުބާރު ގެއްލިގެން ދިޔަކަމަށް އޮބާމާ ތުހުމަތުކުރެއްވިއެވެ. އަދި އީރާނާއެކު އުފެދުނު މައްސަލަތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމުގެ ބަދަލުގައި، ހަނގުރާމައަކަށް މަގުފަހިވާ ފަދަ ސިޔާސަތުތަކެއް ގެންގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އޮބާމާ ވަނީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު