ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކަކުން އަތުލައިގަތް ތިން ބިދޭސީން--
ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކަކުން އަތުލައިގަތް ތިން ބިދޭސީން--
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކަކުން އަތުލައިގަތް ތިން ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހެންވޭރު މާދޫގެ ބަލައި ފާސްކޮށް އެ ގެއިން ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގަނެ، ބަންގްލަދޭޝްގެ ތިންމީހަކު ހައްޔަރުކޮށް ތިބީ 15 ދުވަހަށް ބަންދުކޮށްފައެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުން އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ބަންދު އިތުރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަލް އަމީން އަދި 43 އަހަރުގެ ޕޮލިންގެ އަދި 25 އަހަރުގެ އެމްޑީ ރަކިބް ހޮސެންއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، ޕޮލިން އަކީ އެތަނުގެ ސުޕަވައިޒަރެވެ. އަދި އެތަނުން ބަނގުރާ ޑެލިވަރީ ކުރުމުގެ ކަންކަން ހަވާލުކުރަނީ އޭނާއާ ކަމަށް މައްސަލައިގެ އިންވެސްޓިގޭޓިންގ އޮފިސަރު (އައިއޯ) ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޕޮލިން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ އެތަނުގައި ހިންގާ އޮފީހެއްގެ މުވައްޒަފެއް ކަމަށާއި، އެތަނަށް ވަދެނުކުމެ ހެދެނީ ވަޒީފާގެ ގޮތުން ކަމަށެވެ. އަނެއް ތުހުމަތުވާ އަލް އަމީން އަކީ ބަނގުރާ ޑެލިވަރީ ކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް އޭނާ އަމިއްލައަށް ސީންގައި އެއްބަސްވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ އެގޭގެ ސްޓޯ ރޫމެއްގެ އެކި ދިމާލުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި ބައެއް ފުޅިތައް އެކި ބްރޭންޑްތަކުގެ ނަންތައް ޖަހާފައިވާ ކާޓަން ފޮށިތަކުގައި ބަންދުކޮށްފައި ހުއްޓެވެ.

ބަނގުރާ ވިއްކުމުގެ ނެޓްވޯކުގައި އިސްކޮށް އުޅުނު ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސްވެސް ހައްޔަރުކޮށް މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް