މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ޚަބަރުތައް ކަވަރުކުރުމުގައްޔާއި އެކި އިވެންޓުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް، މީސްމީޑިއާގެ މަންސަތަކުގައި އިންޒާރުދީ، ފުރައްސާރައާއި ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާތީ އެކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ނޫސްވެރިންނަށް އަމާޒުކޮށް ހުތުރު ބަހުރުވައިން ފުރައްސާރަކުރުމާއި، ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ގަނާކޮށް، ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މީޑިއާތަކުންވެސް ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ، ނުވަތަ މުޖުތަމައުގައި ބޭނުންކުރުން އެކަށީގެންނުވާ ހަޑިހުތުރު ބަސްތަކާއި އަމަލުތައް އަދި އިޝާރާތްތައް ހިމެނޭ އެއްވެސް އެއްޗެއް ޝާއިޢުކޮށް ފޮނުވުމަކީ ނުވަތަ ދެއްކުމަކީ މަނާކަމެއްކަން ކޮމިޝަނުން ފާހަގަކުރިއެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކުރުމުގައި އެންމެހައި ފަރާތްތަކުންވެސް ޒާތީ ތައައްޞުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް