ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓުމަށްޓަކައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ސިފައިން ދެއްކެވި ފަންވަރާއި ހިތްވަރަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސާބަސް ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް މި އުފާވެރި ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަށްވާފައެވެ.

ފައިސަލް ވިދާޅުވީ، މިއަދަކީ ބޭރުގެ ނުފޫޒާއި އަޅުވެތިކަމަށް ދިވެހި ޤައުމު ދިޔަ ނުދިނުމަށްޓަކައި ދިވެހި ސިފައިންނާއި ލޮބުވެތި ރައްޔިތުން ބާޣީންނާ ދެކޮޅަށް ޖިހާދުކޮށް، ގައުމު ސަލާމަތްކޮށްދީ ދިވެހިން ފަޚުރުވެރި ނަސްރު ހޯދި ތާރީޚީ ދުވަސް ކަމަށެވެ. އަދި ގައުމުގެ ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓުމަށް އެދުވަހު ދިވެހި ސިފައިން ދެއްކެވި މަތިވެރި ފަންވަރާއި ސާބިތުކަމަށް ސާބަސް ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ލޮބުވެތި ވަތަން ބޭރުގެ ނުފޫޒާއި އަޅުވެތިކަމުން އަބަދުމެ ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ނޮވެންބަރު 3، 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި މި ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެތިބެ، ދުރާލައި ރާވައިގެން ރާއްޖޭގެ މިނިވަންކަން ނަގާލައި ވެރިކަން ވައްޓާލުމަށް ދިން ވަރަށް ފިނޑި އަދި ބިރުވެރި ހަމަލާއެކެވެ.

މި ހިތާމަވެރި ޢުދުވާނުގައި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ޝަހީދުވެ ގޮސްފައެވެ.

ދިވެހިރާއްޖެއަށް ހަމަލާދިން ޕްލޯޓް ޖަމާޢަތަކީ ސްރީލަންކާގެ އުތުރާއި އިރުމަތީގައި އޭރު ތަމަޅައިންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރި 36 ޖަމާޢަތުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޖަމާޢަތެވެ. މިއީ ތަމަޅައިންގެ އެންމެ ބޮޑު ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތް ކަމުގައިވާ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން ވަކިވެގެން 1980 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ސިޔާސީ ގޮފި މިހާރު ސްރީލަންކާގައި ހަރަކާތްތެރިވަނީ ޑިމޮކްރެޓިކް ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޑީޕީއެލްއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު