ހަކުރުބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބޭއްވި ފޯރަމް، ފޮޓޯ: އެޗްޕީއޭ
ހަކުރުބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބޭއްވި ފޯރަމް، ފޮޓޯ: އެޗްޕީއޭ
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނަކާއެކު މުހިންމު ފޯރަމެއް އިއްޔެ ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ކުރިއަށްގެންދިޔަ މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ "މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026"ގެ ނަމުގައެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ޚަލީލް އަދި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ޕަދޭން އެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ފޯރަމަކީ ރާއްޖޭގައި ހަކުރުބަލި ޖެހުމުން ރައްކާތެރިވުމަށާއި، ބަލި ޖެހިފައިވާކަން ވީހާވެސް އަވަހަކަށް ދެނެގަތުމުގެ އިތުރުން، އެ ބަލި މެނޭޖުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ. މި ބައްދަލުވުމުގައި ސިއްހީ ދާއިރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުން ގާތްގަނޑަކަށް 60 ބައިވެރިން ބައިވެރިވެފައިވެއެވެ.

ހަކުރުބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ބޭއްވި ފޯރަމްގެ ތެރެއިން، ފޮޓޯ: އެޗްޕީއޭ


މި ފޯރަމްގެ ތެރެއިން، މި ދާއިރާގެ މާހިރުންގެ ފަރާތުން މުހިންމު ޕްރެޒެންޓޭޝަންތަކެއް ވަނީ ހުށަހަޅައިދީފައެވެ. އެގޮތުން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ އާއިޝަތު ޝިރުހާނާ އާއި އެ ޖަމިއްޔާގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު މަލްހާ ސައީދު ވަނީ ހަކުރުބައްޔާ ގުޅޭގޮތުން ޚާއްސަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މީގެއިތުރުން ނެޝަނަލް ޑައިބެޓީސް ސެންޓަރު (އެންޑީސީ) ގެ ފަރާތުން، އެތެރެހަށީގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވެސް ވަނީ މި ފޯރަމްގައި އަގުހުރި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ.

މި ފޯރަމްގެ ބައިވެރިންގެ މެދުގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި، ހަކުރުބަލި ކޮންޓްރޯލްކުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި އާންމުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް