ރޭގެ މެޗުގައި ބެލްޖިއަމްގެ ލުކާކޫ ގޯލް ކާމިޔާބު ކޮށްދެނީ
ރޭގެ މެޗުގައި ބެލްޖިއަމްގެ ލުކާކޫ ގޯލް ކާމިޔާބު ކޮށްދެނީ
ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ވަރުގަދަ އިޓަލީ އާއި ބެލްޖިއަމް ޖާގަ ހޯދައިފި އެވެ.

އިޓަލީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައި ވަނީ ރޭ ބޮސްނިއާ އާ ވާދަކޮށް ކުޅުނު މެޗު 0-2 ން ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގައި އިޓަލީގެ ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޑްރޭ ބަލޯޓީ އެވެ. ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީ އެވެ.

އިޓަލީ ހިމެނޭ ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް ރޭ ޕޯލެންޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރިނަމަވެސް އެޓީމަށް ފައިނަލް ބުރު ގެއްލުނީ އިޓަލީއަށްވުރެ އެއް ޕޮއިންޓް މަދުވުމުންނެވެ.

މި މުބާރާތުގެ ފައިނަލް ބުރުން ބެލްޖިއަމް ޖާގަހޯދީ ރޭ ޑެންމާކާ ވާދަކޮށް ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށް ގްރޫޕް ދޭއްގެ އެއްވަނަ ހޯދައިގެންނެވެ. ރޭގެ މެޗުގައި ބެލްޖިއަމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައިހުރި ރޮމޭލޫ ލުކާކޫ އެވެ. އަނެއް ދެ ގޯލް ޖަހައިދީފައިވަނީ ޓީލްސްމަން އާއި ކެވިން ޑި ބްރޭނާ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ހަތަރު ޓީމަކީ އިޓަލީ އާއި ބެލްޖިއަމްގެ އިތުރުން ފްރާންސް އާއި ސްޕެއިން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން