ޒިދާން މުޙައްމަދު   29 ނޮވެމްބަރު 2020 - 18:48
އައްޑޫ މީދޫގެ މަގެއް --- ފޮޓޯ: ސަޖުވާ (ޓްވިޓަރ)
އައްޑޫ މީދޫގެ މަގެއް --- ފޮޓޯ: ސަޖުވާ (ޓްވިޓަރ)
އަރައިގެން އައި އިރާއެކު ޓްވިޓަރ ހާވަމުން ދަނިކޮށް ފެނުނީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫގެ ރަށެއްގެ މަގެއްގެ ފޮޓޯއެވެ. ކޮންމެ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއޭ އަދީބަކު ބުނެފައި އެވަނީ އެ މަގަށް ބަލާފައި ބާވައޭ ހިތަށް އެރިއެވެ. އާދޭހެއެވެ. މިއީ ފާއިތުވި އެއްވެސް ސަރުކާރަކަށް ހައްލުކުރަން ނުކުޅެދިފައިވާ މައްސަލައެކެވެ. އެހެންކަމުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެސް ވެރިކަމަށް އައުމުގެ ކުރިން މި މައްސަލަ ހައްލުކޮށްދިނުމަށް ވަޢުދުވިއެވެ.

ފޮނި އުންމީދާއެކު ރައީސް ޞާލިޙްއާ ވެރިކަން ހަވާލުކުރިތާ މާ ގިނަ ދުވަސްތަކެއް ފާއިތު ނުވަނީސް 25 ޑިސެމްބަރ 2019ގައި އައްޑޫގެ މަގުތައް ހެދުމާއި ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއުއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރެވުނެއެވެ. ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީގެ މަގުތައް ހަދަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އާއި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ.

މަގު ހެދުމުގެ އިތުރުން މި ކުންފުނިތަކުން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނިން އާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތްކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ. އެގޮތުން މަގު ހެދުމާއި ބިން ހިއްކުމާ ގުޅޭ މަސައްކަތްތަކަށް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ. މަސައްކަތް ހަވާލުކުރީ 1221 ދުވަހުގެ ތެރޭގައި (ތިން އަހަރާއި ބައި) ނިންމާ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހަދައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ. މީގެ އިތުރުން، އައިލްސް ވެބްސައިޓްގައި ވާ ގޮތުން، ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ހޭދަކޮށްގެން އައްޑޫގެ 4 ރަށެއްގެ މަގުތައް ހެދުމުގެ މަސްކަތް އެބަ ކުރިއަށްދެއެވެ. އެގޮތުން، ހުޅުދޫ އަދި މީދޫ ބަހާއުއްދީން މަގުގައި ތާރުއަޅާނިމި ރެކްޓިފިކޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ވެބްސައިޓްގައި ބުނެފައި ވެއެވެ. މީގެއިތުރުން މަރަދު އޯކިޑްމަގުގައި ރީސަރފޭސިންގ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަސައްކަތުގެ ތަފްސީލް އައިލްސް އިން ލިބެންހުރި ވަރެވެ.

ކޮންމެއަކަސް އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތަށް އެހެން ސަރުކާރުތަކުން ނުދޭ އަހައްމިޔަތު ކަމެއް މި ސަރުކާރުން ދޭ ކަމަށް މި ކަންކަމުން ހެކިދެއެވެ. އެކަމަކު އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން އަދި ހަމަ ހިލާ ނުފިލައެވެ. މި މަސައްކަތް ކުރިއަށްދާ ދުވެލީގެ މަޑުކަން ފާހަގަކުރާ މީހުން ވެސް މަދެއް ނޫނެވެ. އަނެއްކޮޅުން ވާރޭ ފޮދެއް ވެހިލާއިރަށް މަގުތަކުގައި ފެންބޮޑުވެ، އާންމުންގެ ތަކެއްޗާއި މުދަލާއި ގެދޮރަށް ގެއްލުންވަމުން ދިއުމީ އެއްގޮތަކަށް ވެސް އެ މީހުން އެދެމުންދިޔަ ކަންކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުތަކުން އެ ރައްޔިތުންގެ އުދާސްތަކުގައި ޖެހީ ކޮޅުފައިންނެވެ. އެ އަޑުތައް އެހުމުގެ ބަދަލުގައި ދިނީ ބީރު ކަންފަތެކެވެ. ތަރައްގީގެ ބާނީ ކަމަށް ގިނަ ބަޔަކު ބުނާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކަން އޮތީ މިހެންނެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އައްޑޫ ރައްޔިތުން "ނޫނެކޭ" ބުނި މައިގަނޑު ސަބަބަކަށް މިކަން ވާނޭ ކަމީ ޟައްކެތް ނެތް ވަރަށް ޔަގީންވާ ކަމެކެވެ.

އަޑިގުޑަންތަައް ގިނަ އެ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި އުޅަނދުފަހަރު ދުއްވުން ތަކުލީފަކަށް ވެފައި ވާއިރު، އެ ސިޓީގެ ރައްޔިތުން ފެން ބޮވައިގެންފައި އެވަނީ ރަނގަޅު ފެންވަރުގެ މަގުތަކަކަށެވެ. ޒަމާނީ މޮޅު މަގުތަކަކަށެވެ. ފިނި ބުރު ޖަހާލަން ހިތްގައިމު މަގުތަކަކަށެވެ. ދުއްވާލަން ފަސޭހަ މަގުތަކަކަށެވެ. ހިނގާލަން ފަސޭހަ، އަޅައިގަނެގެން ނުވެއްޓޭ މަގުތަކަކަަށެވެ. ބަލާލަން ރިތި، ފޮޓޯއަށް އަދި މާ ރީތި މަގުތަކަކަށެވެ. ﷲ އިރާދަކުރެއްވިއްޔާ އަދި އެދުވަސް ފެންނާނެއެވެ. އެ އިންތިޒާރަށް ނިމުން އަންނާނެއެވެ.

ދެން އޮތީ އެންމެ ސުވާލެކެވެ. މިފަހަރު ދެން އެކަން ނުވެއްޖެއްޔާ އައްޑޫގެ ރައްޔިތުން ދެން ހަދާނެ ގޮތެކެވެ. ދެން އަންނަ އިންތިޚާބެއްގައި ވެސް ޖަޒީރާ ރާއްޖެއާއި އެޖެންޑާ ނަވާރައާއި ތަރައްގީގެ އުސްމިންތަކާއި 21 ވަނަ ގަރުނުގެ އައްޑޫ ސިޓީއާއި، މިހެންގޮސް އެތައް އެތައް ޕްލޭން ތަކެއް ރައްޔިތުންނަށް ކިޔައިދޭނެއެވެ. އެ ޕްލޭންތައް ބަލާފައި، އަޑުއަހާފައި އަދިވެސް ހަމަ ދޭނީ އަށްޑިހަ ޕަސެންޓު ހެއްޔެވެ؟

ހަމަ ގައިމުވެސް އެމްޕީ އަޙްމަދު ރަޝީދު ވިދާޅުވަނީ "އަދަދަކޭއި ފޮތެ ލޭގެން ދެނަކި (އައްޑޫ) މީހުން ނިއޮޅުވޭހެއް. އެދުވަސް މާޒީ ވެގެން އެބެގެ އަދަ މީހުން ޤަބޫލު ކެރާނެއި ލޮލަށް ފެނެނެމެއި،" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން