ރާއްޖޭގެ މިސްކިތެއް
ރާއްޖޭގެ މިސްކިތެއް
ރުޤްޔާގެ ނަމުގައި ބަޔަކުދަނީ، މީސްތަކުންނަށް ކެހިދީ މަކަރު ހަދައި އޮޅުވާލަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޝަރުޢީ ރުޤްޔާގެ މައްޗަށް އަލިއަޅުވާލައި މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ، ސިހުރުހާހޫރަ އާއި، ޙަސަދަ އާއި، އެސްފީނާގެ ޝިކާރައަކަށްވެފައިވާ އެތައް ބަޔަކަށް ޝަރުޢީ ރުޤުޔާއަކީ އެންމެ އެކަށީގެންވާ ފަރުވާކަމާމެދު ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް ރުޤްޔާގެ ނަމުގައި ބަޔަކުދަނީ، މީސްތަކުންނަށް ކެހިދީ މަކަރު ހަދައި އޮޅުވާލަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ރޫޙާނީ ގޮތުން ކުރިމަތިވާ ބަލިތަކަށް ރުޤްޔާއިން ފަރުވާ ހޯދިދާނެކަމަށާއި، ރުޤްޔާ ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުތުތަކާ އެކު ހުއްދަ ކަމެއް ކަމަށެވެ. އަދި ރުޤްޔާ ކުރުން ހުއްދަ ވެގެން ވަނީ އެކަމުގެ ޢިލްމު ލިބިފައިވާ މީހުންނަށް ކަމަށާއި، އެކަން ހުއްދަ ކުރަށްވާފައިވަނީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. އަދި ޝަރުޢީ ހަމަތަކުގެ މަތިން، ހުއްދަ ނޫން އެއްވެސް ކަމެއް އޭގައި ނުހިމެނޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާން ޖެހޭނެއެވެ. ނަމަވެސް ކަމުގެ ޞައްޙަ މަޢުލޫމާތާއި ޝަރުޢީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލްކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދައިފިއެވެ." ޚުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ، ރުޤްޔާގެ ނަމުގައި ބަލިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ ކަމަށާއި، ޝަރުޢީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ. އަދި ހަށިގަނޑުން ޖިންނި ނެރުމާއި، ސިޙުރު ބާތިލްކުރުމުގެ ބަހަނާގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހުއްދަ ނޫން ކަމަށެވެ.

އަދި ރުޤްޔާގެ ނަމުގައި ޖިންނީންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައި ދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން