ލޮކްޑައުންއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ
ލޮކްޑައުންއާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ
އެމެރިކާގައި ބާރަށް ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ގޭގައި ތިބުމާއި ދެކޮޅުހަދައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ގައުމު ބަންދުކޮށްފައި ބާއްވަންޖެހޭ މުއްދަތު ވާނީ އިތުރުކަމަށް އެމެރިކާގެ ވައިޓްހައުސްގެ ކޮރޯނާވައިރަސް ރިސްޕޯންސް ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

އޭބީސީ ޗެނަލުގެ "ގުޑް މޯރނިންގ އެމެރިކާ" ޝޯވގައި ވާހަކަދައްކަވަމުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީޒަސް ގެ ޑިރެކްޓަރ، ޑރ. ފައުޗީ ވިދާޅުވީ ގޭގައި ތިބުމާއި ދެކޮޅަށް އެމެރިކާގެ 20 އަށްވުރެ ގިނަ ސްޓޭޓްތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ނަތީޖާއަކަށް ވާނީ ބަލި ފެތުރޭ ބާރުމިން އަވަސްވުން ކަމަށާއި، އޭގެ ސަބަބުން ގައުމު ބަންދުކޮށް، މިފަދަ ފިޔަވަޅުތައް އަޅާފައި ބާއްވަން ޖެހޭ މުއްދަތުވާނީ އިތުރުކަމަށެވެ.

ޑރ. ފައުޗީ ވިދާޅުވީ އިޤްތިޞާދު ދަށަށް ދާކަން ގަބޫލުކުރައްވާކަމަށާއި، އެހެންނަމަވެސް ވައިރަހުން ސަލާމަތްވެގެން ނޫނީ އިޤްތިޞާދީ ފުރިހަމަ ރައްކާތެރިކަން ނުލިބޭނެކަމަށެވެ. އަދި ޖަޒުބާތުގައި ޖެހިގެން ކޮށްލެވޭ މިފަދަ ކަމަކުން، ކުރިއަށް އެޅިފައިހުރި އެތައް ފިޔަވަޅެއް ފަހަތަށް ޖެހިގެންދާނެކަން ޑރ. ފައުޗީ ވަނީ ފާހަގަކުރައްވާފައެވެ. ވީމާ، ސިއްހީ މާހިރުން އަންގާފައިވާގޮތަށް އަމަލުތައް ބަހައްޓާ، ސިއްހީގޮތުން އެންމެ ރައްކާތެރިގޮތް އިހްތިޔާރުކުރުމަށް ޑރ. ފައުޗީވަނީ އެގައުމުގެ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ޑރ. ފައުޗީ މިހެން ވިދާޅުވިނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގު ހުރީ މުޒާހަރާ ކުރާ ފަރާތްތަކަށް ތަރުހީބު ދެއްވާގޮތަށެވެ. މުޒާހަރާކުރާ ފަރާތްތަކުން އެމީހުންގެ ޝުއޫރުތައް ވަރަށް ޒިންމާދާރު ގޮތެއްގައި ފާޅުކުރަމުން ގެންދާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ޓްރަމްޕް ވިދާޅުވީ އެމީހުންނާއި ދޭތެރޭގައި އެމީހުންގެ ސްޓޭޓްތަކުން ކަންތައްކޮށްފައިވަނީ ވަރަށް ހަރުކަށިކޮށްކަމަށެވެ.

ދުނިޔޭގައި 2.5 މިލިއަނާއި ގާތްކުރާ އަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، އެންމެ ގިނަ ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން 781,368 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 41,575 މީހަކުވަނީ އެގައުމުން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން