އިރާނުގެ ޖަލެއް
އިރާނުގެ ޖަލެއް
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިރާނުގެ ޖަލުތަކުގައި ތިބި 1000 އަށް ވުރެ ގިނަ ބިދޭސީ ގައިދީން ވަގުތީގޮތުން މިނިވަން ކޮށްފައިވާކަމަށް އެގައުމުގެ ޖުޑިޝަރީން އާންމުކޮށްފިއެވެ.

ޖުޑިޝަރީގެ ފަރާތުން ވާހަކަދެއްކެވި، ގޮލަމްހުސައިން އިސްމާއިލީ ވިދާޅުވީ ޖަލުތަކުން މިނިވަންކުރި ގައިދީން ދޫކޮށްލާފައިވަނީ އެމީހުންގެ ސިއްހީ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުންކަމަށެވެ.

އަލިފު ދާލުގެ ހިއުމަން ރައިޓްސް މާހިރުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ގައިދީން ދޫކޮށްލާފައިވާއިރު، އިރާނުން ވަގުތީގޮތުން މިނިވަންކުރުމަށް ނިންމާފައިވާ މީހުންގެ ލިސްޓުގައި ސިޔާސީ ކުއްވެރިންނާއި، ދެ ގައުމަށް ނިސްބަތްވާ ކުއްވެރިންނާއި ބިދޭސީ ކުއްވެރިން ހިމެނޭގޮތަށް ލިސްޓަށް ބަދަލުގެނައުމަށް މިދިޔަ ހަފްތާގައި އަލިފުދާލުގެ ހިއުމަން ރައިޓްސް ގޮފިން ވަނީ ގޮވާލާފައެވެ.

ޖަވާބުގައި އިސްމާއިލީ ވިދާޅުވީ، އަލިފުދާލުގެ ހިއުމަން ރައިޓްސްގެ މާހިރުންގެ ޓީމުން އެމެރިކާއާއި އިނގިރޭސިވިލާތުން ގައިދީންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ވާހަކަދައްކަން ޖެހޭނެކަމަށެވެ. އިރާނުން ދޫކުރި ގައިދީންގެ ތެރޭގައި އެ ގައުމުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ. އިސްމާއިލީ އިތުރަށް ވިދާޅުވީ ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެ އެގައުމާމެދު ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އިރާނުން ބުނެފައިވާ ގޮތުގައި ދެގައުމަށް ނިސްބަތްވާ މީހުން އެއީ ތިބޭ ބައެއްކަމަށް އިރާނުން ގަބޫެލެއް ނުކުރެއެވެ. އަދި ބޭރުގެ ސަރުކާރުތަކުން އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާކަމަށް ބުނެ އިރާނުންވަނީ އެކަން ކުއްވެރިކޮށްފައެވެ.

އިރާނުގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 84،802 އަށް އަރާފައިވާއިރު، 5،297 މީހަކު އެގައުމުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން