އިޓަލީގެ ބޮޑުވަޒީރު ޖިއުސެޕޭ ކޮންޓީ
އިޓަލީގެ ބޮޑުވަޒީރު ޖިއުސެޕޭ ކޮންޓީ
ކޯވިޑް-19 ފެތުރޭ މިންވަރު ކުޑަކުރުމަށްޓަކައި އިޓަލީވިލާތުގައި އިއުލާނުކޮށްފައިވާ ފުރަބަންދު އުވާލާ މަޑުމަޑުން ގައުމު ހުޅުވާލުމުގެ މަސައްކަތް މެއި މަހުގެ 4 ވަނަ ދުވަހު ފައްޓަވާނެކަމަށް އިޓަލީގެ ބޮޑުވަޒީރު ޖިއުސެޕޭ ކޮންޓީ ވިދާޅުވެއްޖެއެވެ.

ކޮންޓީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގައުމު ހުޅުވާލުމަށް ރާވާފައިވާ ގޮތް މި ހަފްތާތެރޭގައި ހާމަކުރައްވާނެކަމަށާއި، ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުން ގައުމު ހުޅުވާލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮންޓީ ވިދާޅުވީ ހުރިހާ ތަނެއް މާދަމާ ހުޅުވާލަން ބޭނުންވިނަމަވެސް، އެގޮތައް ކަންތައް ކުރައްވައިފިނަމަ އެނިންމުން ވާނީ ވަރަށް ފަރުވާކުޑަ ނިންމުމަކަށެވެ. އެއިރުން އެއްވެސް ހިފެހެއްޓުމެއްނެތި ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް އަރައިގެން ދާނެކަމަށް ވެސް ކޮންޓީ ވިދާޅުވިއެވެ. އަދި މިހާތަނަށް ވައިރަހާއި ދެކޮޅަށް އިޓަލީއިން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނޯންނާނެކަން ފާހަގަކުރެއްވިއެވެ. ކޮންޓީ ވިދާޅުވީ ގައުމުގެ އިޤްތިޞާދު ހުޅުވާލައްވާނީ ފަރުވާތެރިކަމާއެކު މަޑުމަޑުން ކަމަށެވެ.

އެގޮތުން، ގައުމު ހުޅުވާލުމަށް ކަނޑައަޅާ ރާވާފައިވާ ގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ކޮންޓީ ވިދާޅުވިއެވެ. ކޮންޓީ ވިދާޅުވީ އެ ޕްލޭން ރާވާފައިވަނީ ގައުމުގެ ހުރިހާ ސަރަހައްދެއްގެ ހާލަތައް ވަރަށް ގާތުން ރިއާޔަތްކުރުމަށްފަހު ގައުމަށް އެންމެ ރައްކާތެރި އުސޫލެއްގެ މަތިން ކަމަށެވެ.

އިޓަލީއިން މިހާތަނަށް 183،957 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 24،648 ގައެވެ. އިޓަލީއަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވި ގައުމު ކަމަށްވާއިރު، މިއީ ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން މީހުން މަރުވެފައިވާ ގައުމުކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން