މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމާ ބެހޭގޮތުން ސަރުކާރުން މަޖިލީހަށް މިހާރު ހުށައަޅާފައިވާ މައްސަލައަށްވުރެ މުހިންމު މައްސަލައެއް މަޖިލީހުގައި ބަހުސް ކުރަން ނެތް ކަމަށާއި ޑްރާމާ ކުޅުން ހުއްޓާލާފައި އެކަން އަވަސް ކޮށްދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އިޢުލާން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެންމެ ފުރަތަމަ ކުރެއްވީ ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ މިމައްސަލައިގެ ބަހުސްކުރަން ފެނިވަޑައިގަންނަވާތޯ ބެއްލެވުމުގެ މަސައްކަތެވެ. ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ނަޝީދު ހުޅުއްވާލެއްވީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމަށް ފިނޭސް މިނިސްޓަރ ފޮނުއްވާފައިވާ ސިޓީއާއި ގުޅޭ މައްސަލައިގެ ބަހުސް މިއަދު ކުރިއަށް ގެންދިއުމާ ބެހޭގޮތުންނެވެ. މިމައްސަލައަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ބައެއް މާއްދާތަކަށް އަމަލުކުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްދިނުމުގެ ހުއްދައަކަށް އެދިވަޑައިގެން ދަޢުލަތުގެ މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ.

ޖަލްސާ ފެށިގެން ކުރިއަށް ދިޔައިރު ޓެކްނިކަލް މައްސަލަތަކެއް ވެސް ދިމާވެގެން ދިޔަ މިއަދުގެ ޖަލްސާގައި މި ބަހުސް ކުރިއަށް ގެންދިއުމާމެދު ޚިޔާލަށް އައްސަވައިގެން އުޅުއްވަނިކޮށް ޓެކްނިކަން މައްސަލަ ތަކުގެ ތެރެއިން އަޑުކެނޑި، އަޑު އަވަސްވުން ފަދަ މައްސަލަތައް ދިމާވަމުން ދިޔަ ވަގުތެއްގައި އައްޑޫ ޝަރީފު ނިޒާމީ ނުކުތާއެއް ނެންގެވި އަޑު ވެސް އިވުނެވެ. އޭރު ވާހަކަ ދައްކަވަމުން ގެންދެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

ޢަލީ އާޒިމް ވާހަކަ ފެއްޓެވިތަނާ ނިޒާމީ ނުކުތާ ނުދެއްވާ ކަމަށް ވިދާޅުވެ ޝަރީފު ޝަކުވާ ކުރައްވަން ފެއްޓެވިއެވެ. ޝަރީފުގެ ޝަކުވާއަކަށްވީ ނިޒާމީ މައްސަލައަށް ފުރުސަތު ނުދެއްވުން ކަމަށް ވިދާޅުވުމުން ނަޝީދު އެކަމާ ދެކޮޅު ހައްދަވައި ވިދާޅުވީ ޝަރީފަށް ނިޒާމީ މައްސަލައިގައި ފުރުސަތު ދެއްވުމުން އެފުރުސަތު ނުނެންގެވީ ކަމުގައެވެ. ނަމަވެސް މަރަދޫ ދާއިރާގެ މެމްބަރު އެއަޑު ނާއްސަވާ ބަހުގެ ހޫނު ޙަމަލާތަކެއް ރައީސް ނަޝީދަށް ދެއްވަން ފެއްޓެވުމުން މެންބަރުގެ ނަން އިއްވަވާނެ ކަމުގެ އިންޒާރުވެސް ދެއްވިތަން ފެނިގެން ދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަރަށް ހިތްހަމަޖެހިވަޑައިނުގެން، ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިއްޕަވަމުން ކަމަށާއި، އެކަން ބަލައި ނުގެންނެވޭނެ ކަމަށެވެ.

މާލީ ވަޒީރު ފޮނުއްވާފައިވާ މައްސަލައިގައި ރިޔާސަތުން ނިންމެވީ އެކަމާގުޅިގެން މާލީ ވަޒީރު ފޮނުއްވާފައި ހުރި ލިޔުންތައް މެންބަރުން ރަނަގަޅަށް ބައްލަވައި ދިރާސާކުރެއްވުމަށް ފުރުސަތު ދެއްވުމަށްފަހު މާދަމާގެ ޖަލްސާގައި އެކަމަށް ބަހުސް ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ފަހުން ނިޒާމީ ނުކުތާ ދެއްވުމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ، ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޚަރަދު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އެފަދަ ހުއްދައަކަށް ސަރުކާރުން އެދޭއިރު އެވަރުގެ މުހިއްމު މައްސަލައަކަށް ބަހުސް ކުރުން މަޑުޖައްސާލައިގެން ނުވާނެ ކަމަށެވެ. އަދި އެހެން ހުރިހާ ކަމެއް ފަހަތަށް ޖައްސާލުމަށްފަހު އެ މައްސަލައަށް ބަހުސްކުރުމަށް ޝަރީފް ވަނީ މަޖިލީހުގެ ރައީސަށް އާދޭސް ދަންނަވާފައެވެ.

"އަޅުގަނޑު މިދަންނަވާ ވާހަކައަކީ މި މަޖިލިސްގައި މިއަދު ބަހުސް ކުރުމަކަށް ނެތޭ، ސަރުކާރުން ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް އެދިފަ އޮތް މައްސަލައިގެ ބަހުސް ކުރުމަށް ވުރެ އެއްވެސް މުހިންމު މައްސަލައެއް. ހުރިހާ މައްސަލައެއް ފަހަތަށް ޖައްސާފައިވެސް ރައްޔިތުންނަށް، މަސްވެރިންނަށް، ދޫކުރަންޖެހޭ ފައިސާ ރައްޔިތުން މި ހާލަތުން އަރައިގަތުމަށް ދޭ ފައިސާ ދައުލަތުގެ ޕަބްލިކް އެކައުންޓްސް އޯވަ ޑްރޯ ކުރުމަށް ސަރުކާރު އެދިފައި އޮތް ހުއްދަ ދިނުމަށް ބަހުސް ކުރުމަށްވުރެ މުހިންމު ހުތޫރަތްތެރި ކަމެއް ނެތޭ. ރައްޔިތުން ބަނޑަށްޖައްސާކަށް ދުލެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މި ޑްރާމާތައް ހުއްޓާލާފައި ވަރަށް އާދޭހާއެކު މިދަންނަވަނީ މި ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ މައްސަލައަށް ބަހުސް ކުރަން ހިނގާށޭ." ޝަރީފް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައަކީ ޚަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އެއް އަހަރު ދުވަހަށް އިސްތިސްނާ ކޮށްދިނުމަށް ހުށައަޅުއްވާފައިވާ ހުށައެޅުއްވުމެކެވެ.

މައިގަނޑު ގޮތެއްގައި މި ބަދަލު ގެނައުމުގެ އެއްބޭނުމަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ސަރުކާރުން ދަރަންޏަށް ފައިސާ ނެގުމާއި އެ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމާއި އެފައިސާ ފަސޭހައިން ނެގޭނެމަގު ފަހިކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


5

ފަހުމް

23-Apr-2020

ސާބަހޭ ޝަރީފް ! ޝަރީފް އެވިދާޅުވީ ރަނގަޅަށް މިސަރުކާރަށް ފުއްޕާނަކަށް ވެފައިވާ މީހެއް ނަޝީދުއަކީ.



ޓްރެންޑިން