މާލީ ވަޒީރު ހުށައަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށްވެސް ބަދަލު ތަކެއް އަންނާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވިދާޅުވި ވާހަކަ،

ދޮގުކުރައްވައި، ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނާޝިޒް އެދިވަޑައިގެންފިއެވެ.

ދަޢުލަތުގެ މާލީ ވަޒީރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަހަރު ދުވަހަށް މަޑުޖައްސައިލުމުގެ ހުއްދަ ދިނުމަށެވެ.

މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ހުރި ބައެއް ކަންތައްތަކަށް ޢަމަލު ކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މާލީ ވަޒީރުގެ ސިޓީގައި ވެއެވެ.

"ގާނޫނު ނަމްބަރު 7/2013 ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ފިސްކަލް ހަމަތަކަކީ އެއަށް މި މިނިސްޓްރީން އަމަލުކުރުން ލާޒިމު ހަމަތަކެއް ނަމަވެސް މިވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް، ކޯވިޑް-19 ގެ ސަބަބުން ގައުމުގެ އިގުތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކު މިގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކާ އެއްގޮތަށް އަމަލުކުރުމަކީ އިގުތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ،" މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ވެއެވެ.

މި ސިޓީއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެ ވާހަކަ ދައްކާފައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، މާލީ ވަޒީރުގެ ސިޓީ އަކީ ދަޢުލަތުގެ ބަޖެޓަށް ބަދަލު ގެނައުމަށް ފޮނުވާފައިވާ ސިޓީއެއް ކަމަށާއި، އެ މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަޖެޓަށް މި ގެންނަ ބަދަލަކީ، ނުވަތަ ސަރުކާރުން އިތުރަށް ފައިނޭންސް ބޭނުންވެގެން، ބަޖެޓް އިތުރަށް އޯވަރ ޑްރޯ ކުރަންވެގެން މި މަޖިލީހަށް ފޮނުވާފައިވާ މައްސަލައަކީ، އަޅުގަނޑުމެން ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭނެ މައްސަލައެއް ކަމުގައި އަޅުގަނޑު ޤަބޫލު ކުރަނީ." އާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން އާޒިމް ވިދާޅުވީ، މަޖިލީހުން ދެދުވަސްތެރޭ ކަމެއް ނުކޮށް ދީގެން ރައްޔިތުން ބަންޑަށްޖެހޭ ވަރުގެ މައްސަލައެއް ސަރުކާރުން މަޖިލީހަށް ނުފޮނުވާނެ ކަމަށާއި، އެއަށްވުރެ ސަރުކާރު ޒިންމާދާރު ވާނެ ކަމަށެވެ.

"ސަރުކާރަކުން ނުފޮނުވާނެ އަޅުގަނޑުމެން ދެ ދުވަސް ތެރޭގައި ކަމެއް ނުކޮށްގެން ރައްޔިތުން ބަނޑަށް ޖެހޭކަހަލަ ކަމެއް. އެއަށް ވުރެއް ސަރުކާރުވެސް އަދި އަޅުގަނޑުމެންވެސް ޒިންމާދާރުވާނެ. މި އަޅުގަނޑުމެން ދިރާސާކުރަން ޖެހޭނެ. މީގެ ފަހުން ބަޖެޓަށް ވާނެ ގޮތެއް، ދަޢުލަތަށް ވާނެ ގޮތެއް، މި ރާއްޖެއަށް ވާނެ ގޮތެއް، އަޅުގަނޑުމެން ވިސްނަން ޖެހޭނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް މިގޮތަށް ވިދާޅުވީ މާލީ ވުޒާރާއިން ފޮނުވި ސިޓީގައިވާ މައްސަލަ މިއަދުން މިއަދަށް ކުރިއަށް ނުގެންގޮސްފިނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ. އާޒިމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މިއުޅެނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ބޮޑު ބަދަލެއް އަންނަން ކަމަށެވެ.

"މިއަހަރަށް ހުށައަޅާފައި އޮތް ބަޖެޓަށް ބޮޑު ބަދަލެއް އަންނަން މި އުޅެނީ. އަޅުގަނޑުމެން ފައިސާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރާއި ގާތަށްވެސް ފައިސާއެއް ލިބޭކަށް ނެތް. އެހެންވީމާ މިކަން އަޅުގަނޑުމެން މެމްބަރުން ދިރާސާ ކުރަން ޖެހޭނެ. ދާއިރާގެ ކައުންސިލަރުންނާއި ވާހަކަ ދައްކަން ޖެހޭނެ. ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭނެ. އެހެންވީމާ ކުއްލިއަކަށް އަޅުގަނޑުމެންނަށް ދެލޯ މަރާލާފައި ކަންކަން ނިންމާ ލެވޭކަށް ނޯންނާނެ. އެހެންވީމާ ބަހުސް ކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލައިގެން ވީވަރަކުން އަވަސް ކުރަން ޖެހޭނެ. ނަމަވެސް މިއަދުން މިއަދަށް ކުރާވަރު ކަމެއް ނޫން." މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނާޝިޒް ވަނީ، މާލީ ވަޒީރު ފޮނުއްވި ސިޓީއާ މެދު ބައެއް ފަރާތްތަކުން އޮޅުން އަރާ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެފައެވެ. ނާޝިޒް ވަނީ ސަރުކާރުން ފޮނުއްވި ސިޓީގައި ދަޢުލަތުގެ ބަޖެޓަށް ބަދަލު ގެންނަން ހުށައަޅާފައި ނުވާކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

"މިނިސްޓްރީ އޮފް ފިނޭންސުން ފޮނުއްވާފައިވާ ސިޓީގައި އެދިލައްވާފައި ވަނީ، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ ، ބ އެއް އަހަރު ދުވަހަށް އިސްތިސްނާ ކުރުމަށް. އޮޅުން އަރާގޮތަށް ބައެއް ވާހަކަތައް ދިޔައިމަ މިކަން ފާހަގަ ކޮށްލަން ޖެހުނީ. 2020 ވަނަ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓްގައި ޚަރަދުތައް ކުރުމަށް ހުރި ކަންތައްތައް ބަދަލު ކުރުމަށް، ނޫނީ ބަދަލުވެގެން ދާފަދަ އެއްވެސް ކަހަލަ ހުށައެޅުމެއް ހުށައެޅިފައި އޮތްކަމަކަށް އަޅުގަނޑު ނުދެކެން." ނާޝިޒް ވިދާޅުވިއެވެ.

ނިޒާމީ ނުކުތާގައި ވާހަކަ ކުރިއަށް ގެންދަވަމުން ނާޝިޒް ވިދާޅުވީ ހަމަ އެކަނި އައިސްގެން އުޅޭ ކަމަކީ ފޯކާސްޓް ކުރި ގޮތަށް ދަޢުލަތަށް އެއްގޮތަކަށްވެސް ޢާމްދަނީ ނުލިބުން ކަމަށެވެ. "އެހެންވީމާ އެކަމާ ގުޅިގެން ސަރުކާރުން އެ ގެޕް ފައިނޭންސް ކުރުމަށްޓަކާ ބޭނުންވާ ކަމެއް ހުށައެޅިފައި މި އޮތީ. އެހެންވީމާ ބަޖެޓަށް ބަދަލު އަންނަ ގޮތަށް އެ ދެކެވޭ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށް ފާހަގަ ކޮށްލަން." ނާޝިޒް ވިދާޅުވެފައި ވެއެވެ.

މިއަދު ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވަނީ މާލީ ވަޒީރު ހުށަހަޅުއްވާފައިވާ މައްސަލައަށްވުރެ މުހިއްމު މައްސަލައެއް ނެތް ކަމަށާއި، ވަގުތުން ވަގުތަށް އެކަމަށް ގޮތެއް ނިންމަވައި ނުދެއްވައިފިނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށެވެ.

"ރައްޔިތުން މިޙާލަތުން އަރައިގަތުމަށް ބޭނުންވާ ފައިސާ ދަޢުލަތުގެ ޕަބްލިކް އެކައުންޓްސް އޯވަރ ޑްރޯ ކުރުމަށް ސަރުކާރުން އެދިފައި އޮތް ހުއްދަ ދިނުމަށް ބަހުސް ކުރުމަށް ވުރެ މުހިއްމު ޚުޠޫރަތްތެރި ކަމެއް ނެތޭ. ރައްޔިތުން ބަނޑަށް ޖައްސާކަށް ދުލެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މި ޑްރާމާތައް ހުއްޓާލާފައި ޢިއްޒަތްތެރި ރައީސް އަޅުގަނޑު އާދޭހާ އެކު މި ދަންނަވަނީ، މިހާރު ހަތަރު މަސްދުވަސް ވެއްޖެ މަސްވެރިންނަށް އަގު ނުލިބިގެން އެމީހުން ރޮނީ ގިސްލަނީ، ރޯދަމަސް މިއޮތީ ކުރިޔަށް. މާދަމާ މިއޮތީ ސަރުކާރު މުވައްޒަފުންނަށް މުސާރަދޭންޖެހޭ ދުވަސް. އެހެންވީމާ ވަރަށް އާދޭހާ އެކު، ވަރަށް ހިތާމައާއެކު އަޅުގަނޑު ރައީސްގެ ދެފައި ހިފާފަ މި ދަންނަވަނީ، އެހެން ހުރިހާ ކަމެއް ހުއްޓަވާ ލައްވާފައި، ރައީސް މޭޒުން ހުށައަޅުއްވާ ކުއްލި މައްސަލައެއް ގޮތުގައި ވޯޓަށް އައްސަވައިގެން ވިޔަސް މި މައްސަލައިގައި ބަހުސްކޮށް މިއަދުން މިއަދަށް ނިންމަވާލަ ދެއްވާށޭ." ޝަރީފު ވިދާޅުވިއެވެ.

މި މައްސަލާގައި މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ މި މައްސަލަ މެމްބަރުން ދިރާސާ ކުރެއްވުމަށްފަހު، މާދަމާ މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން