ރޮމޭނިއާގެ ރައީސް ކްލައުސް އިޔޮހާނިސް
ރޮމޭނިއާގެ ރައީސް ކްލައުސް އިޔޮހާނިސް
ކޯވިޑް-19 އާއި ގުޅިގެން ރޮމޭނިއާގައި އިއުލާނުކޮށްފައިވާ ފުރަބަންދު ހާލަތު ނިމުމަކަށް ގެނައި ނަމަވެސް މަގުމައްޗަށާއި، އާންމުން އެއްވެ އުޅޭތަންތަނަށް ނުކުމެ އުޅޭއިރު މާސްކު އެޅުން ރައްޔިތުންނަށް މަޖުބޫރުވާނެކަމަށް ރޮމޭނިއާގެ ރައީސް ކްލައުސް އިޔޮހާނިސް ވިދާޅުވެއްޖެއެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މާސްކު އަޅުއްވައިގެން ހުންނަވާ ކެމެރާކުރިމައްޗަށް އަރުއްވާ ރައީސް އިޔޮހާނިސް ވިދާޅުވީ މެއި 15 ވަނަ ދުވަހާއި ހަމައަށް އިއުލާނުކޮށްފައިވާ ފުރަބަންދު ނިމުނު ނަމަވެސް، އެގައުމުގެ ހުރިހާ ރައްޔިތުންވެސް މީހުން އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުން މަޖުބޫރުކުރާނެކަމަށެވެ. އަދި 2021 ވަނަ އަހަރު ކޯވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް ލިބުމުން މާސްކުއެޅުން ދޫކޮށްލުމަށް މަސައްކަތް ކުރެވިދާނެކަމަށް ރައީސް އިޔޮހާނިސް ވިދާޅުވިއެވެ. ރޮމޭނިއާގެ ރައީސް ވިދާޅުވީ ފުރަބަންދު ނިމުމުން މިއަށްވުރެ މިނިވަންކޮށް ނުކުމެ އުޅެވުނުނަމަވެސް، ކުރީގެ ހާލަތައް އެނބުރި ނުދެވޭނެކަމަށާއި، އާންމުން އެއްވާ ބޮޑެތި އެއްވުންތައް ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.

ރައީސް އިޔޮހާނިސް ވިދާޅުވީ ވައިރަހާއި އެއްކޮށް އުޅެން ދަސްކުރަންޖެހޭ ކަމަށާއި، ދޫތައް ލިބުމާއެކީ ފަރުދީ ޒިންމާ ބޮޑުވެގެންދާނެކަމަށެވެ.

ރޮމޭނިއާގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އޭޕްރިލް 14 ވަނަ ދުވަހު އިތުރުކޮށްފައިވާއިރު، އާންމުންނަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވަނީ ވަޒީފާއަށް ދިޔުމަށާއި، ކޮންމެހެން ގަންނަން ޖެހޭތަކެތި ގަތުމަށް ދުވާލުގަޑީގައި އެކަންޏެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އެގައުމުގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، އެހެން ގައުމުތަކުން މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.

ރޮމޭނިއާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9،710 އަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 508 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން