މަބްރޫކް އަަޒީޒް
މަބްރޫކް އަަޒީޒް
މާލެއިން އިއްޔެ ވިލިވަރު ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ 80 ބިދޭސީން އެތަނުގައި ބޭތިއްބުނީތީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައާފަށް އެދެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވިލިވަރުގައި ބިދޭސީން ބައިިތިއްބާފައި ތިބި ތަނަކީ މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި މާލޭގައި ބިދޭސީން ދިރިއުޅޭ ގިނަ ތަންތަން ކަރަންޓީނުކޮށްފައި ހުރުމުގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެމީހުން ވިލިވަރަށް ގެންދިޔައީ ދިގު މުއްދަތަކަށް އެތަނުގައި ބޭތިއްބުމަށް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ސާފުކޮށް ބުނަން ބޭނުން، ގިނަ ދުވަހު އެތަނުގައި ބައިތިއްބާކަށް ނޫން އެމީހުން ގެންދެވުނީ ފުރަތަމަ ކަމަކަށް. ދެވަނަ ކަމަކީ ހަމަ އިންތިހާއަށް އަޅުގަނޑު މައާފަށް އެދެން. އެއީކީއެއް މީހުން ބައިިތިއްބަން ގެންދާވަރު ތަނެއް ނޫން. އެގޮތަށް އެކަމެއް ނުވެސް ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ބިދޭސީން މާލޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށާއި، އެހެން ކަމުން އެމީހުން މާލޭގައި ބޭތިއްބުމަކީ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަކަށް ވާތީ، ވީ އެންމެ އަވަހަކަށް އެމީހުން މާލެ އިން އެހެން ތަނަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ.

"ވަރަށް އަވަހަށް މާލެއިން މޫވް ކުރަން ޖެހިގެން މޫވް ކުރެވުނީ، ކުރެވުނު އިރު ފުރަތަމަ އެ ފެސިލިޓީއަށް ގެންދެވުނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ބައެއް ތަންތަނަކީ އެމީހުން ބޭނުންކުރަން ކަނޑައަޅާފައި ހުރި ތަންތަން ނޫން ކަމަށް ވިދާޅުވެ، ވީޑިއޯގައި ބާވެފައި ހުރި އިމާރާތެއްގެ ތަންތަން ވެސް ފެންނަ ކަމަށް ވިދާޅުވެފައެވެ.

އަދި މިހާރު އޭގެ ތެރެއިން އެއް ބަޔަކު ސަން ސިޔާމް އިރުފުށި ރިސޯޓުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި އަނެއް ބަޔަކު ކުޑަ ބަނޑޮސް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިހާރު ވިލިވަރު ފެސިލިޓީ ތައްޔާރުކުރަމުން އަންނަނީ މާލޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށައިފިނަމަ، ގިނަބަޔަކު އެއްފަހަރާ އެކަހެރި ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް މުޅިން ނިމުމުން ނޫނީ ވިލިވަރަށް އިތުރު ބަޔަކު ނުގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން