މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ޗައިނާ ސަރުކާރުގެ އެހީއަށް އެދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފަސްޖެހިވަޑައިގަންނަވަނީ ކޮންފަރާތަކުން ހުއްދަ ނުދެއްވައިގެންތޯ ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ މަޖިލިސް މެންބަރު މުޙަންމަދު ސަޢީދު މިއަދު ވިދާޅުވީ، ޤައުމުގެ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ކޯވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ތަކާއި ސިއްހީ ދާއިރާ އަށް ބޭނުންވާ މުހިއްމު ތަކެތި މިހާރުވަނީ ހުސްވެފައި ކަމަށް ސަޢީދު ވިދާޅުވިއެވެ.

"ޤައުމުގެ ހާލަތު ގޯސްވެ، ފައިސާ ޕްރިންޓް ކުރާ ހިސާބަށްގޮސް، ޓެސްޓް ކިޓް ތަކާއި ސިއްހީ ދާއިރާ އަށް ބޭނުންވާ މުހިއްމު ތަކެތި ހުސްވިއިރު، ގައުމުގެ ވެރިޔާއަށް، ގައުމުތަކަށް އެހީ އޮއްސަމުންދާ ޗައިނާގެ ރައީސަށް ފޯނުންވިޔަސް ގުޅާނުލެވިގެން މިއުޅެނީ ކޮންފަރާތެއްގެ ހުއްދަ އެއް ނުލިބިގެންބާ؟" ރައީސް ޞާލިޙަށް ޓެގް ކުރަށްވައި ކުރީ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ސަޢީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޗައިނާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ ނަމަ އެ އެދުމެއް ޗައިނާ ސަރުކާރުން ބޮލާލާ ނުޖަހާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ޝައްކެއް ނުކޮށް ޤަބޫލުކުރެވޭ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ޗައިނާ ސަރުކާރުގައި މިފަދަ ކަމެއް ކޮށްދޭން އެދިއްޖެ ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ބޮލާލާ އެކަމެއް ނުޖަހާނެ. އެއަށްވުރެ މާ ގާތް ގުޅުމެއް ރައީސް ޔާމީންގެ މޭސްތިރިކަމުގެ ދަށުގައި، ޗައިނާ ސަރުކާރާއެކު ވާނީ އުފެއްދިފައި." ޗެނަލް ތޭރައިގައި މީގެކުރިން ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވެފައި ވެއެވެ.

ކޯވިޑް-19 އަށް ފަރުވާކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ތަކާއި ސިއްހީ ދާއިރާ އަށް ބޭނުންވާ މުހިއްމު ތަކެތި މިހާރުވަނީ ހުސްވެފައި ކަމަށް ސަޢީދު ވިދާޅުވި ނަމަވެސް ސަރުކާރުގެ ފަރާތުން ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ ތަރުޖަމާން މަބްރޫކް ޢަޒީޒު ވިދާޅުވަމުން ގެންދަވަނީ މިވަގުތަށް ފުދޭ ވަރަށް އެފަދަ ސާމާނު އެބަހުރި ކަމަށާއި އަދި ބައެއް ސާމާނު ރާއްޖެއަށް ގެނައުމުގެ މަގުމަތީގައި ވާކަމަށެވެ. އެގޮތުން ވެންޓިލޭޓަރާއި 20 ހާސް ޓެސްޓް ކިޓް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މި ސާމާނު އަންނާނެ ކަމަށް ބެލެވޭ އެކި ތާރީޚުތައް ވެސް މަބްރޫކް ދަނީ ދެއްވަމުންނެވެ.

ސަޢީދު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ، ކޯވިޑް-19 އާ ގުޅިގެން ގައުމުގެ އިޤްތިޞާދު އިނދަޖެހިފައިވާ މިވަގުތުގައި ސަރުކާރުން ޚަރަދު ކުރުމަށް އެމްއެމްއޭއިން ދަރަނީގެ ގޮތުގައި 4.2 ބިލިޔަން ރުފިޔާ ނެގުމަށް ހުއްދަ ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ދަޢުލަތުގެ މާލީ ވަޒީރު ހުށައަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން