މާލީ ވަޒީރު އިބްރާހިމް އަމީރު
މާލީ ވަޒީރު އިބްރާހިމް އަމީރު
ސަރުކާރުން މަޖިލީހުގައި އެދުނީ ބްލޭންކް ޗެކެއް ދިނުމަށް ނޫން ކަމަށާއި، ފައިސާ ޖެހުމުގެ ވިސްނުމެއް ނެތްކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ޚަރަދު ކުރަމުން ގެންދާނީ ބަޖެޓްގެ ތެރެއިން ކަމަށެވެ. އަދި ދިމާވެގެން އުޅޭ މައްސަލައަކީ ބަޖެޓްގައި ހުރި ގިނަ މަސައްކަތްތަކެއް މިވަގުތު ޙާލަތު ހުރިގޮތުން ކުރިއަށް ނުގެންދެވިގެން އުޅެނީ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ދަޢުލަތަށް ލިބޭ ޢާމްދަނީ މަދުވެފައިވާތީ އޯޑީ ފެސިލިޓީ އިތުރުކުރުމަށް ބޭނުންވެގެން އުޅެނީ ކަމުގައި މިނިސްޓަރ އަމީރް ވިދާޅުވިއެވެ.

"އިއްޔެ އޯޑީ ފެސިލިޓީ އިސްތިސްނާ ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުން މަޖިލީހަށް ފޮނުވީމާ ވަރަށް ގިނަ ޢިއްޒަތްތެރި މެމްބަރުން އެކި ގޮތްގޮތަށް ޚިޔާލުފާޅުކުރެއްވި. 37 ބިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ. އެ ބަޖެޓްގައި ހުރި ވަރަށްގިނަ ކަންތައްތައް މިހާރު ޙާލަތު ހުރި ގޮތުން އަޅުގަނޑުމެންނަށް ނުކުރެވެނީ. ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން މަދުކުރަމުން ދާނީ. އޭގަ (ބަޖެޓުގަ) ހުރި ޚަރަދުތަކެއް އަޅުގަނޑުމެން ކުރާނީ. އިތުރަށް ކުރާނީ ހެލްތް ސެކްޓަރ އަށް ކުރާ ޚަރަދު. އެއީވެސް އާއްމު ސިއްހަތުގެ ޤާނޫނުގެ ތެރެއިން ކުރެވޭ ޚަރަދުތައް. އެހެންވީމާ މީ އަޅުގަނޑުމެންނަށް ބްލޭންކް ޗެކެއް ދެނީއެއް ނޫން." ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަމީރު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ މާލީ ވަޒީރުގެ މަގާމުގައި އަމިއްލަ ޕާޓީގެ ބޭފުޅަކު ހުންނެވި ނަމަވެސް އެ ބޭފުޅާއަށް ބްލޭންކް ޗެކެއް ނުދެވޭނެ ކަމަށް ވިދާޅުވެ ވަޒީރަށް ވެސް ފާޑުވިދާޅުވެފައެވެ.

މިގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ، "މީހާގެ މޫނަށް ކަނދުރާއަށް ބަލާފައި ކަންކުރުން އެއީ 1980ގެ އަހަރުތަކުގެ ގޮތް. އެއީކީއެއް މިހާރު އަޅުގަނޑުމެން ކަންކުރަން ވިސްނާނޭ ގޮތެއް ނޫން. އަޅުގަނޑާއި ފިނޭންސް މިނިސްޓަރާ އޮންނަ ގާތް ކަމަކާއި، ނުވަތަ އަޅުގަނޑާއި ގަވަރުނަރާ އޮތް ރަހުމަތްތެރި ކަމަކާ. އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އެއް ޕާޓީއަކަށް ވީތީ ކޭޝް ފްލޯ ނުވަތަ ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކަން ކުރަންވާނޭ ގޮތެއް ނޫން،" ކަމަށެވެ.

މާލީ ވަޒީރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، ދައުލަތުގެ ހަރަދުތައް ފޫބައްދަން މިވަގުތުން މިވަގުތަށް ވެސް 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި، އެހެން ކަމުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަހަރަށް ފަސްކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތަށް އެދިވަޑައިގަތީ މިހާރު ރާއްޖޭގައި އޮތީ ކާރިސާގެ ހާލަތެއް ކަމަށް ފާހަގަކުރައްވާފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު ވިދާޅުވީ، ފައިނޭންސިން ގެޕް ހަމަޖައްސަން ބޮރޯ ކުރެވޭނެ ވަރަށް ގިނަ ގޮތްތައް ހުންނަ ކަމަށެވެ.

"ފަހުން އިޤްތިޞާދީ ޙާލަތެއް ހޯދުމަށްޓަކާ އަޅުގަނޑުމެން އެބަ ޖެހޭ ޞިއްޙީ ދާއިރާ އަށް ކުރާ ޚަރަދު އިތުރުކުރަން. އެހެން ކަމުން ޞިއްޙަތަށް ކުރާ ޚަރަދު އެބަ އިތުރުވޭ. ސަރުކާރު މުވައްޒަފުންގެ މުސާރަ އަޅުގަނޑުމެން ދެމުން ގެންދާނަން. އޮންގޮއިން ޕްރޮޖެކްޓްސްތައް ނިމޭ މިންވަރުން ފައިސާ ދައްކަމުން ގެންދާނަން. މިއީ މިވަގުތު އަޅުގަނޑުމެން ކުރާ ޚަރަދަކީ. އިޤްތިޞާދަށް އަޅުގަނޑުމެން މި ދޫކުރަނީ މި ފައިސާ އެކަނި. އަޅުގަނޑުމެން އެއްވެސް ގޮތަކަށް ޕްރިންޓް ކުރަނީކީ ނޫން. ވިޔަފާރިތަކަށްވެސް ބޭނުންވެއްޖެ ޙާލަތެއްގައި ބޭންކްތަކުގައި އޮންނަ އޯޑީ ފެސިލިޓީ އިތުރުކުރުމަކީ ކުރާ ކަމެއް. އެގޮތަށް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައިވެސް ސެންޓްރަލް ބޭންކްގައި ހުންނަ އޯޑީ ފެސިލިޓީ އިތުރުކުރަމުން ގެންދިއުމަކީ ކުރާ ކަމެއް. ވަރަށްފަހުން ބޭންކް އޮފް އިންގްލެންޑްގައިވެސް އެ ބޭންކްގައި އޮންނަ އޯޑީ ފެސިލިޓީ އިތުރުކޮށްފައިވަނީ." މިނިސްޓަރ އަމީރް ވިދާޅުވިއެވެ.

މިރޮނގުން ވާހަކަ ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ އޯޑީ ފެސިލިޓީ އިތުރުކުރުމަކީ އޮޓަމެޓިކް މޮޕިންއަޕެއް ކަމަށެވެ. އެއީ ފައިސާ ޗާޕްކުރުން ނޫންކަމަށާއި، މިހާރު މަރުކަޒީ ބޭންކުން ނެގެންއޮތް 220 މިލިއަން ރުފިޔާ އަކީ މިހާރުގެ ޙާލަތުގައި އެއްވެސް އެއްޗެއް ނޫން ކަމުގައި މާލީ ވަޒީރު ވިދާޅުވިއެވެ.

"އެންމެ ޝޯޓް ޓަރމް އީޒިލީ އެވެއިލަބަލް (އެންމެ ފަސޭހައިން އެންމެ އަވަހަށް ކުރެވޭނެ) ކަމަކަށް މި ވަނީ އޯޑީ ފެސިލިޓީ އިތުރުކުރުން. އެއީ ކުއްލި ޙާލަތެއްގައި އަޅުގަނޑުމެންނަށް އަބަދުވެސް ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އޮންނާނެ ވަސީލަތަކީ. އަޅުގަނޑު ވަރަށް ބޮޑަށް އެންފަސައިޒް ކުރަން ބޭނުންވޭ އިއްޔެ މަޖިލީހުގެ ބަހުސްގައިވެސް ވަރަށްގިނަ ބޭފުޅުންނަށް އޮޅިވަޑައިގެންފައި އޮތީ، އަޅުގަނޑުމެން މި ފާހަގަކުރަނީ (ފައިސާ) ޗާޕްކުރުމުގެ ވާހަކައެއް ނޫން. މިހާރު އަޅުގަނޑުމެންނަށް ލިބިފައި ހުރި މެކޭނިޒަމްގެ ތެރެއިން އެންމެ ރަނގަޅު މެކޭނިޒަމްގެ ގޮތުގައި އަޅުގަނޑު ބަލަނީ މި އޯޑީ ފެސިލިޓީ. އެއީ އަޅުގަނޑުމެން އޯވަރޑްރޯ ކުރާ ކޮންމެ މިންވަރެއް އަޅުގަނޑުމެން ފަހުން ބޭރުން ހޯދާފަ ޕަބްލިކް ބޭންކް އެކައުންޓަށް ޑިޕޮޒިޓް ކުރާ ހިސާބުން އެކައުންޓް ޕޮޒިޓިވް ވެގެންދާނެ. އެހެންވީމާ އަޅުގަނޑު ލަފައެއް ނުކުރަން ކުރިއަށް އޮތް ތާނގައި ޗާޕް ކުރަން ޖެހޭނެ ކަމަކަށް." އަމީރު ވިދާޅުވިއެވެ.

ދަޢުލަތުގެ މާލީ ވަޒީރު އިތުރަށް ވިދާޅުވީ ދަޢުލަތުގެ ފިސްކަލް ޑިސިޕްލިންގައި ހުރި ހުރިހާ ތަޅުތަކެއް އެބަހުރިކަމަށާއި، ސަރުކާރުން މަޖިލީހުގައި އެދުނީ ހަމަ އެކަނި އޯޑީ އިތުރުކުރުމުގެ ހުއްދަ އަކަށް ކަމަށެވެ. އަދި އޭގެ ސަބަބުން އިޤްތިޞާދަށް އިތުރު ލޮޅުމެއް ނާންނާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް މަދު ވެފައިވާތީ މިވަގުތަށް ބޭނުންވާ މުހިންމު ކަންކަން ކުރުމަށް މަރުކަޒީ ބޭންކުން ދަރަނި ނެގޭ މިންވަރު އިތުރުކޮށް ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ބަދަލު ގެނައުމަށްޓަކާ ޤާނޫނީ ފަރުވާއެއް ހޯދުމަށް އެދި ސަރުކާރުގެ މާލީ ވަޒީރު ހުށައަޅާފައިވާ މި މައްސަލައިގައި ރައްޔިތުންގެ މަޖިލިސް ދެބައިވެ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިމައްސަލައިގައި ބަހުސް ކުރުމަށް ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން