މުޙައްމަދު މަބްރޫކް ޢަޒީޒް
މުޙައްމަދު މަބްރޫކް ޢަޒީޒް
އައްޑޫ ސިޓީން ކެންސަރު ބައްޔަށް ފަރުވާ ކުރަމުން އަންނަ 3 މީހަކު މާލެގެނެސްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އައްޑޫގައި ކެންސަރު ބައްޔަށް ފަރުވާ ކުރަމުން އަންނަ 7 މީހުން އެބަތިބި ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ރަށުގައި ތިބެގެން ފަރުވާ ދޭނަމަ ބައެއް "ކޮމްޕްލިކޭޝަންސް" ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވާތީ، މާލެގެނެސް ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކާ ތިންމީހަކު މާލެ ގެނަސްފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ހަތަރު މީހުންގެ ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދާނީ އައްޑޫގައި ބައިތިއްބައިގެން ކަމަށާއި، އެމީހުންގެ ފަރުވާއަށް ބޭނުންވާ ސާމާނު އައްޑޫއަށް ފޯރުކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށަކަށް މީހުން އަރައި ފޭބުން މިހާރުވަނީ މަނާކޮށްފައެވެ. ނަމަވެސް ޞިއްޙީ އިމަރޖެންސީއެއްގައި އެއްރަށުން އަނެއްރަށަށް ދާން ޖެހިއްޖެނަމަ އެކަމަށް ހާއްސަ އިންތިޒާމުތަކެއް ސަރުކާރުން އަންނަނީ ހަމަޖައްސައިދެމުންނެވެ.

ކެންސަރު ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާ ދޭންޖެހޭ ބައްޔަކަށް ވެފައި، އެބަލީގެ އެކި ސްޓޭޖްތައް ހުންނަ ބައްޔެކެވެ. އެހެންކަމުން އެކި ސްޓޭޖުތަކުގައި ފަރުވާ ބޭނުންވާ މިންވަރާއި ދެވޭ ފަރުވާގެ ބާވަތް ވެސް ތަފާތުވެއެވެ. އައްޑޫއިން މާލެ ގެނެވުނު 3 މީހުންނަށް ކެންސަރު ބަލީގެ ފަރުވާ ދެން ކުރިއަށް ގެންދާނީ މާލެސިޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން