ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ހުކުރު ނަމާދަށްފަހު ގަލޮޅުކަންމަތީ ހޮޓަލުގައި ފަރީއްކުޅުއްވަން އިންނަ މަންޒަރު ފެންނަ ފޮޮޓޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ސިފަކުރީ އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ޖެއްސި "ޕީއާރް ސްޓަންޓެއްގެ" ގޮތުގައެވެ.

މީގެ ކުރިން ވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ނަޝީދު އުޅުއްވަނީ އެ ގޮތަށް ކަމަށާއި އެކަމަކު މިހާރު ރައްޔިތުން "ހައްދަން" އެހެން ގޮތެއް ހޯދަން ވެއްޖެ ކަމަށް އާންމުން ހިޔާލުފާޅުކޮށްފައި ވެއެވެ.

"‏‎ވޯޓު ބޭނުން ވީމާ ގޭގޭގެ ބަދިގެ ތެރޭ ހުނިގާނަން ވެސް އުޅޭނެ. ތިޔަކުން ރައްޔިތަކަށް ވީފައިދާއެއް ހަރާން. ހުސް ދެއްކުންތެރިކަން. ދިވެހިން ރޮށިދަމާ ރައީސުން މިހާރަކު ބޭނުމެއްނޫން!" އަލީ ގާސިމް ކިޔާ މީހަކު ޓްވީޓާގައި ބުނެފައި ވެއެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ، ‏‎ކުރިމަތީގައި އިންތިހާބެއް އޮތް ކަމުގެ އަލާމާތްތައް ފެންނަށް ފަށައިފި ކަމަށެވެ. އަދި ސުޕަރ މެޖޯރިޓީގެ ބޭނުންކޮއްގެން ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯދަ ދޭނީ ކޮންއިރަކުންތޯ ބުނެ އޭނާވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުން ހިޔާ މަޝްރޫޢުގެ ތިން ކެޓެގަރީއެއްގެ ފްލެޓް ފޯމުތައް އުވާލާފައިވާތީ އެކަމަށް އިޝާރާތްކޮށް މުހައްމަދު ފައިޒާން ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ "‏‎މަޝްހޫރު ކަމަށް ހޮޓަލަށް އަރާ ސައިބޮއިގެން، އޮފީހަށް ގޮސް ރައްޔިތުންގެ ފްލެޓްކޮޅު ވަގަށް ނެގީމަ އެންމެ ވައްތަރީ މުނާފިގަކާ" ކަމަށެވެ.

"އާންމުކޮށް ވެސް ތިފަދަ ތަންތަނުން ކާ ނަމަ ތިހާ ހިތް ތިރި ބޭފުޅަކު. އިންތިހާބާ ކައިރިކޮށްފައި ޕީއާރު ސްޓަންޓް ނުޖެއްސިޔަސް ވޯޓް ދޭން ތިބި ބަޔަކު ދޭނެ ތޯއްޗެއް؟" އެހެން މީހަކު ބުނެފައި ވެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ހުކުރު ނަމާދަށްފަހު މެންދުރުގެ ކެއުން ފަރީއްކުޅުވުމަށް ރައީސް ނަޝީދު ވަޑައިގެންނެވި ހޮޓަލުގައި އެމަނިކުފާނާ ޖެހިގެން ދެ މީހަކު ތިއްބެވެ. ފެންނަ ގޮތުގައި ރައީސް ނަޝީދު ވަނީ އެތަނުގައި ތިބި މީހުންނާއި ވާހަކަ ދައްކަައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި މަންޒަރަށް ތާއީދުކޮށް ވެސް އެތައް ބަޔަކު މީސް މީޑިއާގައި ޚިޔާލުފާޅުކޮށްފައި ވެއެވެ.

މިފަދަ ގިނަ ޚިޔާލުތައް ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓުން ހިމެނެއެވެ. އެމީހުން ބުނެފައިވަނީ އެއީ ރައީސް ނަޝީދުގެ ހިތްތިރިކަމާއި އޯގާތެރި ކަމުގެ ނަމޫނާއެއް ކަމަށެވެ.

"އެއީ ރައްޔިތުންގެ ހިތްތަކުގެ ރައީސް. މިއީ ހިތްތިރިކަމުގެ ނަމޫނާއެއް." ރައީސް ނަޝީދަށް ތާއީދު ކޮށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

އެހެން މީހަކު ބުނީ ރައީސް ނަޝީދަކީ އަބަދުވެސް އާންމު ރައްޔިތުންގެ ހާލު ބައްލަވާ ކޮންމެ ރައްޔިތަކާއެކު ވެސް އެއް ސުފުރާ މަތިން ކޭންބެއްލެވޭނެ ބޭފުޅެއް ކަމަށެވެ. އަދި އެއީ މިގައުމުގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެފަދަ ދެވަނަ އެއް ނަމޫނާ ބޭފުޅެއް ކަމުގައި ވެސް ބައެއް މީހުން ސިފަކޮށްފައި ވެއެވެ.

ރައީސް ނަޝީދު ފަރީއްކުޅުއްވަން ހޮޓަލުގައި އިންނެވި މަންޒަރު ފެންނަ ފޮޓޯ މީސްމީޑީއާގައި ދައުރުވަމުން އަންނައިރު، އެ މަންޒަރާމެދު ގިނަ ބަޔަކު ތަފާތު ޝުޢޫރުތައް ފާޅުކޮށްފައި ވެއެވެ.

އެމްޑީޕީން ވަނީ ރަށްވެހި ފަތިސްގެ ނަމުގައި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެމްޕޭން ފަށާފައެވެ. އެމްޑީޕީގެ މިފަދަ ހުރިހާ ކެމްޕޭން ތަކުގައި ވެސް އެންމެ ކުރީ ސަފުގައި ނުކުމެ ވަޑައިގެން ނަމޫނާ ދައްކަވާ ބޭފުޅަކީ ރައީސް ނަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން