ކޮއްޔަ ހަސަން މަނިކު
ކޮއްޔަ ހަސަން މަނިކު
މުނިފޫހިފިލުމުގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ މަޝްހޫރު ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ކޯވިޑް ޖެހިގެން ފަރުވާދެމުން ދަނިކޮށް ދެންމެ ނިޔާވެއްޖެއެވެ.

ކޮއްޔަ ހަސަން މަނިކު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު 10 ޖަހާކަން ހާއިރެވެ.

މިއީ ރާއްޖޭން މި ބަލީގައި ނިޔާވި 60 ވަނަ މީހާ އެވެ.

ކޮއްޔަ ހަސަން މަނިކަކީ ރައްޖޭގެ ފިލްމީ ދާއިރާގައި ވަރަށް މަޝްހޫރު ގިނަ ފިލްމްތަކާއި ޑްރާމާތަކުގައި މުހިންމު ރޯލްތައް ކުޅެފައިވާ މީހެކެވެ. މީގެއިތުރުން ވަރަށް ކުރިއްސުރެ ސްޓޭޖް ޑްރާމާ، ތަމްސީލް ތަކުގައި ވެސް މުހިންމު ރޯލްރައް އަދާކޮށްފައިވާ ކުޅަދާނަ އެކްޓަރެކެވެ.

ރޭ މެންދަމުގެ ވަގުތެއްގައި ވެސް ވަނީ ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަޑުޖެހުމެއް ނެތި އަންނަނީ އިތުރުވަމުންނެވެ.

އިއްޔެ އެކަނި ވެސް 127 މީހަކު ވަނީ ފައްސިވެފައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މިހާރު މަދުވަމުންނެވެ. މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 159 މީހުންނަށެވެ.

ކޯވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ސަބަބާއި ގުޅޭ ގޮތުން އެޗްޕީއޭއިން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ކޯވިޑްގެ ތިންވަނަ ރާޅާއެކު ރާއްޖޭގައި ރައްކާތެތިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެޗްޕީއޭއިން ބުނީ ދެން އިތުރަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވި ބަލިޖެހޭ މީހުންގެ އަދަދު ތިރިވެގެން ކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ކޮވިޑްގެ ދިފާޢީ ވެކްސިން ކެންޕޭނަށް މިއަދު 20 ދުވަސް ވެގެން ދާއިރު މިހާތަނަށް 65 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފުތާ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން